އިތުރު ހަރުފަތަކަށް ދިއުމަށް އާޓެޓާގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްފާނެބާ ނުވަތަ ހަމައެގޮތުގައި ބާ؟

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބަލިވެ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކުރި މަސައްކަތް ނާކާމިޔާބުވެ ހިތް ހަލާކުވެފައި އޮތް އާސެނަލަށް ދެރަވެގެން ތިބެވޭކަށް ނެތެވެ.
އާދިއްތަ ދުވަހު އުތުރު ލަންޑަނުގައި ޕްރިމިއާ ލީގުގެ ކާމިޔާބު ފާހަގަކުރަން ކުރިއަށްގެންދިޔަ ހަރަކާތްތަކާއެކު އަންނަ ސީޒަނަށް ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފޯކަސް ވަނީ އަމާޒުވެފަ އެވެ. އެހެންނަމަވެސް ސުވާލަކީ ހަމައެކަނި އިނގިރޭސި ލީގުގެ އުހުގައި އޮތުމަށް އާސެނަލުން މަސައްކަތްކުރާނީބާ ނުވަތަ ޔޫރަޕުގައި އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލުމަށް މަސައްކަތް ކުރާނީ ބާ އެވެ.
ބުދަޕެސްޓްގައި ޕީއެސްޖީ އަތުން އާސެނަލް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު ޕެނަލްޓީއަށް ދިއުމުގެ ކުރިންވެސް އިދިކޮޅުގެ ކުޅުމުން އާސެނަލަށް ދަތިތައް ކުރިމަތިވިއިރު މޮޅަށް ކުޅެފައިވަނީ ވެސް ޕީއެސްޖީންނެވެ. މުޅި މެޗުގައި ވެސް އާސެނަލަށް ބޯޅަ ހިފަހެއްޓުނީ 25 އިންސައްތަ އެވެ. ގޯލާ ސީދާކޮށް 120 މިނެޓުގެ ތެރޭގައި ފޮނުވާލެވުނު ހަމައެކަނި ހަމަލާއަކީ ވެސް 6 ވަނަ މިނެޓުގައި ކައި ހަވާޓްސް ކާމިޔާބުކޮށްދިން ގޯލެވެ.
މެޗަށްފަހު ޕީއެސްޖީގެ މިޑްފީލްޑަރު ޖޮއާއޯ ނެވޭސް ވެސް ބުނީ އެމެޗުގައި ހަމައެކަނި ކުޅެން ބޭނުންވެގެން ކުޅުނީ ލުއިސް އެންރީކޭގެ ޕީއެސްޖީ ކަމަށެވެ. އަދި ކުރީގެ އާސެނަލް ޑިފެންޑަރު އަދި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެތިއު އަޕްސަން ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެއް މޭރުމުން ބުނާނަމަ ހަވާޓްސްގެ އަވަސް ގޯލުން މުޅި ގޭމް މަރުވީ ކަމަށެވެ. ކުޅުން ހަލާކުވީ ކަމަށެވެ.
"ފުރަތަމަ ހާފު 0 - 0 ން އެއްވަރުވެފައި އޮތްނަމަ މީހުންނަށް ހީކުރެވޭނީ އާސެނަލްގެ ފަރާތުން ކުޑަ ނަމަވެސް ތަފާތެއް ފެންނާނެ ކަމަށް، އެކަމަކު އެ ގޯލާއެކު ހަމަ އަމިއްލަ ބޭނުމަކާ ނުލާ ވެސް ސަލާމަތުން ތިބެން ކުޅޭނެ ކަމަށް" މެތިއު އަޕްސަން ބުނެފައިވެ އެވެ.
އޭނާ އިތުރަށް ބުނީ ކޮންމެ ޓީމަކުން ވެސް ކުރާ ކަމެއް ކަމަށާއި އަދި ޕީއެސްޖީން ބޯޅަ ޑޮމިނޭޓްކުރި ކަމަށެވެ. އެކަމަކު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އޮތް ކުޅުމަށް ބަލާއިރު މިވަގުތު އޮތް އެންމެ މޮޅު ދެޓީމަށް ބަލާއިރު ފައިނަލެއްގައި މިފެނުނު ޕޮޒެޝަން ބިރުވެރި ކަމަށެވެ. 75 އިންސައްތައާއި 25 އިންސައްތައިގެ ތަފާތެއް ޕޮޒެޝަންގައި އޮތުމަކީ ޗެމްޕިއަންސް ލީގު ފައިނަލެއްގައި ވަރަށް މަދުން ނޫނީ އަޑު ނީވޭ ކަމެއް ކަމަށް ވެސް މެތިއު އަޕްސަން ބުންޏެވެ.
އާސެނަލްގެ މެނޭޖަރު މިކެލް އާޓެޓާ ވެސް ވަނީ ދުނިޔޭގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ޕީއެސްޖީ ފާހަގަކޮށް ތައުރީފު ކޮށްފަ އެވެ. އަދި އާސެނަލުގެ ކުޅުމެއް ވައްޓަފާޅި ނިންމީ ޕީއެސްޖީގެ ކުޅުމުން ކަން އޭނާ ފާހަގަކުރި އެވެ. އަދި އާޓެޓާގެ ވާހަކަ ހުރިގޮތުން ޕީއެސްޖީގެ ކުޅުމުގެ ވައްޓަފާޅި އާސެނަލަށް ގެނައުމުގެ ވިސްނުން ހުރިކަން ފާހަގަވެ އެވެ.
"ބޯޅައާއެކު އެމީހުން އެކުރާ ކަންކަން، ވަކި ވަކި ހަރަކާތްތަކުން ބޯޅަ އެގެންގުޅިލާ ގޮތް،
އަހަރެން މިކަހަލަ ކަމެއް ނުދެކެން" އާޓެޓާ ބުންޏެވެ. ބޯޅަ ނެތި ވަކި ސަރަހައްދެއްގައި ކުޅެން ޖެހުމަކީ އާސެނަލްގެ ޕްލޭނުގައި އޮތް ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް ޕީއެސްޖީން އެކަމަށް މަޖުބޫރުކުރުވާ ކަމަށް އާޓެޓާ ބުންޏެވެ.
އެހެންކަމުން ސުވާލަކީ ސްޕެނިޝް ކޯޗު އާޓެޓާ ގެންގުޅާ ވައްޓަފާޅި، ބޯޅަ ހިފަހައްޓައިގެން ކުޅޭ ޕޮޒެޝަން ރަނގަޅުކޮށްގެން ދެން އަންނަ ސީޒަނުގައި އާސެނަލް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބަދަލުކުރާނެތޯ ނުވަތަ ދެންވެސް ފެންނާނީ ހަމަ ޕްރިމިއާ ލީގު ހޯދުމަށް އާސެނަލުން މިސީޒަނުގައި ގެންގުޅުނު ފޯމިއުލާ ތޯ އެވެ.
ފައިނަލުގައި ޕީއެސްޖީން ވަނީ 885 ޕާސް އުފައްދާފަ އެވެ. އެއީ އާސެނަލުން އުފެއްދި 285 ފާހަށްވުރެ 3 ގުނަ ބޮޑު އަދަދެކެވެ. ހަވާޓްސް ކުރީކޮޅު ގޯލު ޖެހުމުން އާސެނަލުން ވަނީ އާސެނަލުން ދިޔައީ ޑިފެންސިވް ގޭމަކަށެވެ. އަދި ލީޑު ދެމެހެއްޓުމަށް އާސެނަލްގެ ދުނިޔޭގެ ފެންވަރުގެ މޮޅެތި ޑިފެންޑަރުން މަސައްކަތްކުރި އެވެ.
22 އަހަރުގެ ތެރޭގައި އަލަށް ޕްރިމިއާ ލީގު ވެސް އާސެނަލުން ހިއްލާލި ނަމަވެސް މުޅި ސީޒަނުގައި އެމީހުން ގެންގުޅުނު ކުޅުމުގެ ސްޓައިލެއް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އޯޕަން ޕްލޭއިން އާސެނަލަށް ކުޅުން ނުދެއްކޭއިރު ހިލޭޖެހުންތަކާއި ކޯނަރުތަކުން އެޓީމު އުފައްދާ ނުރައްކާތެރި ހާލަތާ ގުޅިގެންނެވެ.
އެންމެ ގޯލެއްގެ ތަފާތުން އާސެނަލުން މޮޅުވަމުން އައި އައުމަށް ވެސް ވަރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓި ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ އާސެނަލުން މެންޗެސްޓަރި ސިޓީ އަތުން ލީގު ނެގީ 7 ޕޮއިންޓުގެ ފަރަގާއެކު ބޮޑު ގޯލު ތަފާތަކުންނެވެ.
ނިމިދިޔަ ހުރިހާ މުބާރާތަކަށް ބަލާލާއިރު އާސެނަލުން ވަނީ 1 ގޯލުގެ ތަފާތުން 20 މެޗުން މޮޅުވެފަ އެވެ. 2019 ވަނަ އަހަރު ޓީމާ ގުޅުނު ފަހުން މެނޭޖަރު އާޓެޓާ ވަނީ އާ ކުޅުންތެރިންނަށް 900 މިލިއަން ޕައުންޑަށްވުރެ ގިނައިން ހަރަދުވެސް ކޮށްފަ އެވެ. އެހެންނަމަވެސް އޭނާ ޓީމާ ގުޅުންއިރު އޮތް ހާލަތަށް ބަލާފައި ޓީމުވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ.
އަދި ބައެއް މީހުން ވަނީ މިހާރު އާސެނަލުން ޖެހޭނީ ރީތި ވައްތަރެއްގެ ފުޓްބޯޅައެއް ކުޅެން ކަމަށް ބުނެ ސުވާލުވެސް އުފައްދާފަ އެވެ. ޕްރިމިއާ ލީގު ހޯދުމަށް އޮތް އާޓެޓާގެ ޓީމަށް އޮތް ސައިކޮލޮޖިކަލް ހުރަހުން އެޓީމު ސަލާމަތްވެފައިވާއިރު މިވަގުތަކީ އާޓެޓާ ގެންގުޅޭ ކުޅުމުގެ ވައްޓާފާޅި ބަދަލުކޮށްލުމަށް ރަނގަޅު ވަގުތެއް ކަމަށް ބެލެވެ އެވެ.
ޕީއެސްޖީ އަތުންވީ ބައްޔަކީ މިސީޒަނުގެ ބޮޑު ފައިނަލަކުން އާސެނަލް ވީ ދެވަނަ ބައްޔެވެ. މާޗުގައި ވެމްބްލީގައި ކުޅެވުނު ކަރަބާއޯ ކަޕުގެ ފައިނަލުގައި މެންޗެސްޓަރ ސިޓީ އަތުން ވެސް އާސެނަލް ބަލިވިއިރު އެމެޗުގައި ވެސް އާސެނަލަށް ބޯޅަ ހިފަހައްޓާލައިގެން ކުޅެވުނީ 38 އިންސައްތަ އެވެ.
ޕްރިމިއާ ލީގުގައި އާސެނަލަކީ ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ޓީމެވެ. 71 ލަނޑު ޖެހިއިރު މިލިސްޓުގެ އެއްވަނަ 77 ލަނޑާއެކު ހޯދީ ލީގުގެ ރަނަރަޕް ސިޓީންނެވެ. ހުރިހާ މުބާރާތްތަކަށް އަލިއަޅުވާލާއިރު މުޅި ސީޒަނުގައި ވެސް އާސެނަލުން އޯޕަން ޕްލޭއިން ޖަހާފައިވަނީ 76 ލަނޑެވެ. ޗެމްޕިއަންސް ލީގުގެ 30 ލަނޑުން 22 ލަނޑު ޖަހާފައިވަނީ އޯޕަން ޕްލޭއިންނެވެ.
އެކަމަކު ޗެމްޕިއަންސް ލީގުގެ ފަހު 14 މެޗުގެ ތެރެއިން ދެމެޗުގައި އާސެނަލަށް ޖެހުނީ 1 ގޯލަށް ވުރެ ގިނައިންނެވެ. އެހެންކަމުން ބެލެވެނީ އާޓެޓާގެ ވާހަކަތަކުން އެދިނީ އަންނަ ސީޒަނުގައި އާސެނަލުން ލޮލަށް ބަލާލަން ފަސޭހަ ޓީމަކަށްވެފައި އެކަމަކު ޔޫރަޕުގެ އެންމެ ބޮޑު ތަށި އުފުލާލުމުގެ ގާބިލުކަން ހޯދުމަށް އޭނާ ކުރާނެ މަސައްކަތްތަކަށް ދިން އިޝާރާތެއްގެ ގޮތުގަ އެވެ.
"އަހަރެމެން މިއަށްވުރެ ރަނގަޅުކުރަންޖެހޭ، އަހަރެމެން ބޭނުންވާ ނަތީޖާ ނެރެން ތަފާތު އެކި ގޮތްގޮތް ބަލާ ހޯދަން ޖެހޭ" އާޓެޓާ ބުނެފައިވެ އެވެ. އެހެންނަމަވެސް އާޓެޓާ ވަނީ އިނގިރޭސި ޗެމްޕިއަނުންނަށް އާސެނަލް ހަދައިދީފަ އެވެ. މިއީ ޓީމުގެ ހަމަލާތަކާއި އެޓޭކިން ހިސާބުތަކަށް ބަދަލުތަކެއް ގެނައުމަށް ލިބުނު ފިޔަވަޅެކެވެ.
"އޭނާ އެކަން ކުރަން ޖެހޭ" ބީބީސީ ސްޕޯޓްސްއިން ފޯވާޑް ލައިނަށް ބަދަލެއް ގެންނަން ޖެހޭތޯ މެތިއު އަޕްސަންއާ ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވެ އެވެ. އަޕްސަން ދެން ބުނީ އާޓެޓާގެ ވާހަކަތަކުން ޕީއެސްޖީ ކުޅުން ކަމުގޮސް އެގޮތަށް ކުޅުން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އެކަން ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކު މިހާރު އެގެންގުޅޭ ކުޅުމުގެ ވައްޓަފާޅިން އެކަން ހާސިލުކުރުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށް އަދި އެހެން ބުނެވޭނެ ކަމަށާއި އެއީ ފުޓްބޯޅައަކީ ނަންބަރުތަކާ ގުޅިފައިވާ ގޭމެއް ކަމަށެވެ.
"މެޗުގެ 25 އިންސައްތަ ވަގުތު އަތުގައި ބޯޅާ އޮންނަންޏާ މާނައަކީ ގިނަވަގުތު ޑިފެންޑް ކުރާނޭ" އަޕްސަން ބުނެފައިވެ އެވެ. އާސެނަލުގެ މިސީޒަނުގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޑޭވިޑް ރާޔާއާއި ގެބްރިއަލް އަދި ވިލިއަމް ސަލީބާއާ ޑެކްލަން ރައިސް ކަމުން އެޓީމުގެ މޮޅު ކުޅުމެއް ފެނިގެންދިޔައީ އެޓީމުގެ ފަހަތުން ޑިފެންސިވް ސަރަހައްދުތަކުން ސާބިތުވެ އެވެ.
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް އާސެނަލްގެ އެއްވެސް ފޯވާޑެއް ނޮމިނޭޓްވެފައިވެސް ނުވެ އެވެ. އާސެނަލުން އަންނަނީ އަންނަ ސީޒަނަށް އެތްލެޓިކޯ މެޑްރިޑްގެ ސްޓަރައިކަރު ޖޫލިއަން އަލްވަރޭޒްއަށް ލޯ އަޅަމުންނެވެ. އަލްވަރޭޒް މެންޗެސްޓަރ ސިޓީގައި ހޭދަކުރި ވަގުތަށް ބަަލާފައި ޕްރިމިއާ ލީގުގެ ތަޖުރިބާ ވެސް ހުންނާނެ އެވެ.
އާސެނަލުގެ ފޯވާޑް ވިކްޓަރ ގިއޮކަރޭސް އާސެނަލްގެ ފުރަތަމަ ސީޒަނުގައި ހުރިހާ މުބާރާތަކުން 21 ލަނޑު ޖަހައިދިން ނަމަވެސް އެއީ ވެސް އާސެނަލަށް ވަރުގަދަކުރެވިދާނެ ސަރަހައްދެކެވެ.
އާސެނަލުން އަންނަނީ ވާތްފަރާތު ވިންގް ވެސް އިތުރަށް ވަރުގަދަކުރުމަށް ބަލަމުން ކަމަށްވާއިރު އާޓެޓާ ބުނީ އޭނާއާއި ކުލަބުން އިތުރު ހަރުފަތަކަށް ދާން ބޭނުންވާނަމަ ވަރަށް އަވަހަށް މުހިންމު ނިންމުންތަކެއް ނިންމާނެ ކަމަށެވެ.
މީގެއިތުރުން އާސެނަލުން ގެންނަން ބޭނުންވާ ކުޅުމުގެ ސްޓައިލަށް މިހާރު ތިބި ފޯވާޑުން ހޭނުމުގެ ގާބިލުކަން ހުރިތޯ ބެލުމަށް ޓެސްޓްކުރެވޭނެ އެވެ. އަދި އެ ޓެސްޓުން ފާސްވާނެ ކުޅުންތެރިން ވެސް އާސެނަލް ޓީމުގައި އެބަތިއްބެވެ.
"އެބައިގައި ބުކާޔޯ ސަކާ ހިމެނޭނެހެން އަހަންނަށް ހީވަނީ. ޓްރޮސާޑް ވެސް ބޯޅައާއެކު ވަރަށް މޮޅުވާނެ، ޓެކްނިކަލް ގޮތުން ބަލާއިރު އޭނާ އަކީ ވަރަށްވެސް މޮޅު ކުޅުންތެރިޔެއް" އަޕްސަން ބުންޏެވެ. އަޕްސަން ވަނީ ފުލް ބެކް ޑިފެންޑަރުންގެ ރޯލުތަކަށް ވެސް އިޝާރާތްކޮށްފަ އެވެ. އަދި އެ ސަަރަހައްދަތަކުން ހަމަލާތައް އުފެއްދިދާނެ ގޮތްތަކަށް ވެސް އޭނާ އިޝާރާތްކުރި އެވެ.
އޭނާ ބުނިގޮތުގައި އެކަން ފައިނަލުގައި ޕީއެސްޖީ ޓީމުން ފެނުނު ކަމަށާއި އެކުޅުންތެރިން އަނެއްކޮޅަށް އަރާ ހަމަލާތަކުގައި ބައިވެރިވާން ބޭނުންވެގެން އެކުޅޭ ކުޅުމުގެ މުހިންމުކަން ފެނުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ