ރާއްޖޭގެ މެޗުގެ ކުރިން އަފްޣާން ކޯޗު: އުއްމީދަކީ ފައިނަލުގައި ވެސް ދެ ޓީމު އަލުން ބައްދަލުކުރުން

މިއަދު މާލޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވެސް ރާއްޖެއާ ދެކޮޅަށް ކުޅޭން އުއްމީދު ކުރާ ކަމަށް އަފްޣާނިސްތާނުގެ ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނެފި އެވެ. 
މުބާރާތުގައި އަފްޣާނިސްތާނުގެ ފުރަތަމަ މެޗުގައި މިރޭ އެ ޓީމުން ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. 
މުބާރާތުގެ ޕްރީ ޓޯނަމެންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބްރެޒިލަށް ނިސްބަތްވާ ކޯޗު ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް އިހުތިރާމްކުރާކަން ހާމަކޮށްފައެވެ. 
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޭނާ ބުނީ، މިރޭގެ މެޗަށް ފަހު މުބާރާތުގެ ފައިނަލުގައި ވެސް ރާއްޖެއާ ބައްދަލުކުރުމަކީ އޭނާގެ ބޮޑު އުއްމީދެއް ކަމަށެވެ.
"އިންޝާﷲ އަހަރެމެން ފައިނަލަށް ދާނަން. އަދި ފަހަރެއްގައި އަލުން (ރާއްޖެއާ) ބައްދަލުވެއްޖެއްޔާ އަހަރެމެން މިއަށްވުރެވެސް މާ އުފާ ވާނެ،" ކުރިން ޕާކިސްތާނުގެ ކޯޗުކަން ވެސް ކުރީ ނޮގޭރާ ބުންޏެވެ.
މި މެޗަށް ނުކުންނައިރު ދެ ޓީމުގެ ތައްޔާރުވުންތަކުގައި ބޮޑު ތަފާތެއް ހުރިކަން، އޭނާ ފާހަގަ ކުރި އެވެ. "ރާއްޖޭން މުބާރާތަށް މަސް ދުވަސް ވަންދެން 100 ޕަސެންޓް ތައްޔާރުވިއިރު" އަފްޣާނިސްތާނުގެ ގިނަ ކުޅުންތެރިންނަށް ލިބުނީ އެންމެ ދެ ދުވަހުގެ ތަމްރީނުކަން ކޯޗު ފާހަގަކުރި އެވެ.
"މި ކުދިން ގޮވައިގެން އަހަންނަށް އެންމެ މަހެއް ދީބަލަ،" ރާއްޖޭގެ ތަމްރީނުތަކާ އަޅާކިޔައި ސަމާސާ ރާގެއްގައި ނޮގޭރާ ބުންޏެވެ. 
ނޮގޭރާ ސިފަކުރިގޮތުގައި ރާއްޖެ އޮތީ މުބާރާތަށް ތައްޔާރުވެގެންނެވެ. އެހެންކަމުން މިއަދުގެ މެޗު އަފްޣާނިސްތާނަށް ވަރަށް އުނދަގޫވާނެކަން އެނގޭ ކަމަށް އޭނާ ބުންޏެވެ.
އޭނާ ވަނީ ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. އޭނާއަކީ ދިވެހި ފުޓްބޯޅަ ތާރީހުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ސިފަކުރަމުން ކޯޗު ބުނީ، ދަގަނޑޭ މިހާރު އުމުރުން ދޮށީ ނަމަވެސް އަދިވެސް އޭނާއަކީ ތަފާތެއް ގެނެވޭނެ ކުޅުންތެރިޔެއް ކަމަށެވެ. 
"އަހަންނަށް އެނގޭ އޭނާ މިހާރު ކުޑަކޮށް އުމުރުން ދޮށިވެއްޖެކަން. އެކަމަކު އޭނާއަކީ ދިވެހި ފުޓްބޯޅަ ތާރީހުގައިވެސް ތިޔަބޭފުޅުންނަށް ލިބުނު އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެންގެ އިހުތިރާމް އެބައޮތް،" ނޮގޭރާ ބުންޏެވެ.
އަފްޣާނިސްތާނުގެ ކޯޗުކަމާ ނޮގޭރާ ހަވާލުވީ ފެބްރުއަރީ މަހު އެވެ. އޭނާ ކޯޗުކަމުގެދަށުން ކުޅުނީ ދެ މެޗެވެ. މުބާރާތަށް ޓީމު އެކުލަވާލަން އެ ގައުމުގެ ވެރިރަށް ކާބުލްގައި ދިރިއުޅޭ ކުޅުންތެރިންނާއި ބޭރުގައި ތިބި ކުޅުންތެރިން އެއްކޮށްލަން އުނދަގޫތަކެއް ހުރިކަމަށް އޭނާ ބުންޏެވެ. 
ނަމަވެސް އެ އުނދަގޫތަކާ އެކު ވެސް ފައިނަލުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ބުންޏެވެ. 
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝއިން ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ