އައްޑޫ ސިޓީ ކައުންސިލުން އެ ސިޓީ ޒީނަތްތެރިކުރުމުގެ ނަމުގައި 1.87 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހިންގި ކަދުރު ރުއް އިންދުމުގެ މަޝްރޫއުގެ ހަރުދަނާ ފްލޭނެއް ނެތި ހިންގުމުން، ކައުންސިލުގެ ގިނަ އަދަދެއްގެ ފައިސާ ބޭކާރުވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރެފައިވާ އައްޑޫ ސިޓީ ކައުންސިލްގެ 2022-2024ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އިން ދޫކުރި 10 މިލިއަން ރުފިޔާގެ ކޮންޑިޝަނަލް ގްރާންޓުގެ ތެރެއިން 1,879,200 ރުފިޔާ ޚަރަދުކޮށްގެން 300 ކަދުރު ރުއް ހޯދައި އިންދުމަށް 5 ސެޕްޓެމްބަރު 2023 ގައި އެ ކައުންސިލުން އަމިއްލަ ފަރާތެއްގެ ވިޔަފާރިއަކާ ހަވާލުކުރިއެވެ. އެއީ ކޮންމެ ރުކަކަށް 6264 ރުފިޔާއެވެ.
މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީގެ މަލަމަތި ޒީނަތްތެރިކުރުމެވެ. ނަމަވެސް އެ ރުއްތައް އިންދާނެ ތަންތަނުގެ އެއްވެސް ހަރުދަނާ ޕްލޭނެއް ކައުންސިލްގެ އިދާރާއިން ތައްޔާރުކޮށްފައި ނުވާކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ކައުންސިލުން ގަތް 300 ރުކުގެ ތެރެއިން 100 ރުއް މަރަދޫ އަވަށަށް ދިންއިރު، އެ ރުއްތައް އިންދީ ލިންކު ރޯޑުގެ ތާރުގަނޑު ކަނޑައިގެންނެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ އަވަށުގައި ތާރުގަނޑު ކަނޑައިގެން ރުއްތައް އިންދުމުގެ ސަބަބުން ދުވާރުގެ އެކި ހިސާބުތައް ބޭނުންނުކުރެވޭ ވަރަށް ގެއްލުންވިއެވެ. އޭގެ އިތުރުން، އުދައިގެ އަސަރުކުރާ ސަރަޙައްދުތަކުގައި ރުއްތައް އިންދުމަށް ވަޅުގަނޑުތައް ކޮނުމުގެ ސަބަބުން ފަސްގަނޑު ދަމައިގެން ގޮސްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
މިކަންތައް ރަނގަޅުކުރުމަށް ދައުލަތުން އިތުރު ހަރަދުތަކެއް ކުރަންޖެހޭނެކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، މި މައްސަލަ ކުރިމަތިވީ ރުއްތައް ހޯދުމަށް ޕްރޮކިއުމަންޓް ފެށުމުގެ ކުރިން ބޭނުންވާ ހުރިހާ މައުލޫމާތެއް ތަފްސީލުކޮށް ލިޔުމުން ބަލަހައްޓާފައިނުވާތީ ކަމަށް އޮޑިޓުގައިވެއެވެ.
އޭގެ އިތުރުން، މަރަދޫ އަވަށުގައި އިންދި ރުއްތަކުގެ ތެރެއިން ގިނަ ރުއްތައް މަރުވެ، ބާކީ ހުރި ރުއްތައް އެހެން ތަންތަނަށް ބަދަލުކުރަން ވެސް ޖެހުނުކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ރިޕޯޓުގައި ފާހަގަކުރީ އެ މަޝްރޫއުގެ މަގުސަދު ހާސިލުނުކުރެވޭ ކަމެވެ.
އެފަދަ އަގުބޮޑު މަސައްކަތެއް ފެށުމުގެ ކުރިން ތިމާވެށީގެ ހާލަތާއި ފަންނީ ދިރާސާތައް ހަދައި އިންދާ އެއްޗެއް އެ ތަނަކަށް އެކަށީގެންވޭތޯ ބެލުމަށް އޮޑިޓުގައި ވަނީ ލަފާދީފައެވެ. އަދި އެފަދަ މަޝްރޫއުތަކުގެ މަގުސަދު ހާސިލުވޭތޯ ބެލުމަށް ވެސް ލަފާދީފައިވެއެވެ.
ކަދުރު ރުކެއް 6000ރ. އަށް، އައްޑޫ ޒީނަތްތެރިކުރުމުގެ މަޝްރޫއުގައި އިސްރާފު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ