މިފަހަރު އެންމެ ބޮޑު އަނިޔާއެއް ލިބޭ ޓީމަކީ އީރާން: ކޯޗު

އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި، އީރާނުގެ ގައުމީ ޓީމާ މެދު ފީފާ އާއި އެމެރިކާ ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު އެ ޓީމުގެ ކޯޗު އާމިރު ގަލެނޮއީ އާއި ކެޕްޓަން މެހްދީ ތަރޭމީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ. މި ނުރުހުން ފާޅުކޮށްފައި ވަނީ މިއަދު ހެނދުނު އެމެރިކާގެ ލޮސް އެންޖެލެސްގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހުގައެވެ. https://sun.mv/223427 މި މެޗު 2-2 އިން އެއްވަރުވުމާއެކު، ކުޅުންތެރިންނަށް އަރާމުކޮށްލާނެ ވަގުތެއް ވެސް ނުދީ ވަގުތުން އެމެރިކާ ދޫކޮށް ފުރައިގެން ދިއުމަށް އެންގުމުން ޓީމުގެ އިސްވެރިން ވަނީ އެއީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އީރާނުގެ ކޯޗު ގަލެނޮއީ ބުނި ގޮތުގައި މުޅި މުބާރާތުގައި ވެސް އެންމެ ބޮޑަށް ނިކަމެތިކޮށް، އެންމެ ބޮޑު "އަނިޔާ ލިބެމުންދާ" ޓީމަކީ އީރާނެވެ. ކޯޗު ކަންބޮޑުވުމާއެކު ފާހަގަކުރި ގޮތުގައި، މެޗަށްފަހު ކުޅުންތެރިންގެ ރިކަވަރީއަށް ވަގުތު ބޭނުންވާ ދަނޑިވަޅެއްގައި، އެމީހުންނަށް މަޖުބޫރު ކުރަނީ މެކްސިކޯގެ ޓިޖުއާނާގައި ހުރި ކޭމްޕަށް އަވަހަށް އެނބުރި ދިއުމަށެވެ. މީގެ އިތުރުން، ޓީމުގެ މީޑިއާ އޮފިސަރުންނާއި، ފެޑެރޭޝަންގެ ރައީސް އަދި އެނަލިސްޓުންނަށް ވިސާ ނުލިބުމުގެ ސަބަބުން ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ. ޓީމުގެ ކެޕްޓަން މެހްދީ ތަރޭމީ ބުނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޑްރެސިން ރޫމަށް ޒިޔާރަތް ކުރެއްވުމުން މި ހުރިހާ ޝަކުވާތަކެއް ހިއްސާކޮށްފައިވާނެ ކަމަށެވެ. "މިއީ ފުޓްބޯޅައަށް ރަނގަޅު ގޮތެއް ނޫން. އެއްވެސް އިންސާފެއް ނެތް. ވޯލްޑް ކަޕެއްގައި ކުޅުންތެރިން ތިބޭނީ ވަރަށް ބޮޑު ސްޓްރެސްއެއްގައި. އެކަމަކު އަހަރެމެންނަށް އެކަށީގެންވާ އެހީތެރިކަމެއް މި މުބާރާތުގައި ނުލިބޭ،" ތަރޭމީ ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި ޓިޖުއާނާއިން ލޮސް އެންޖެލެސްއަށް ކުރި ކުރު ދަތުރުގައި ވެސް އިމިގްރޭޝަން މައްސަލަތަކާ ހުރެ ފަސް ގަޑިއިރު ހޭދަވިއެވެ. މެޗަށްފަހު އިންފަންޓީނޯ ވަނީ އީރާނު ޓީމުގެ ހިތްވަރަށް ތައުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އީރާނު ޓީމުން މުޅި ދުނިޔެއަށް ވަރުގަދަ މެސެޖެއް ދީފި ކަމަށާއި، ކުރިމަތިވަމުންދާ ހުރަސްތަކަށްވުރެ އެ ޓީމުގެ އަޒުމް ވަރުގަދަ ކަމަށެވެ. ނަމަވެސް ޓީމުގެ މެނޭޖްމަންޓުން ގަބޫލުކުރާ ގޮތުގައި މިފަދަ މައްސަލަތަކުގެ ސަބަބުން ކުޅުންތެރިންގެ ފިިޒިކަލް ފިޓްނަސްއަށް ނޭދެވޭ އަސަރުކުރާނެއެވެ. https://sun.mv/223183 އީރާނު ޓީމުން އެމެރިކާގެ އަރިޒޯނާގައި ކޭމްޕް ކުރަން ރޭވި ނަމަވެސް، އިމިގްރޭޝަން މައްސަލަތަކާ ހުރެ ފަހު ވަގުތު ކޭމްޕް ބަދަލުކުރަން ޖެހުނީ މެކްސިކޯގެ ބޯޑަރު ސިޓީއެއް ކަމަށްވާ ޓިޖުއާނާއަށެވެ. ކޯޗު ވަނީ މެކްސިކޯ ސަރުކާރާއި އެ ގައުމުގެ ރައްޔިތުން ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކޮށްފައެވެ. އީރާނުން ދެން އޮތް މެޗުތަކަށް ތައްޔާރުވާނީ މި ހުރިހާ ގޮންޖެހުންތަކާއެކު މެކްސިކޯގައި ތިބެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ