ހުޅަނގު އައްސޭރި ހިފުމަށާއި ޣައްޒާ އަލުން އިސްތިއުމާރު ކުރުމަށް ފާޅުގައި ވަކާލާތު ކުރަމުންދާ އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ފުރާންސަށް އެރުން އެގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.
ފުރާންސްގެ ފޮރިން މިނިސްޓަރު ޝާން-ނޮއެލް ބަރޯ އެކްސްގައި ހާމަކުރި ގޮތުގައި، ސްމޮޓްރިޗްގެ އިތުރުން ޔަހޫދީ އާބާދީތައް ހިންގާ ޖަމާއަތްތަކުގެ ހަތަރު ލީޑަރަކާއި، އެފަދަ ޖަމާއަތްތަކުގެ ތެރެއިން ހަމަނުޖެހުން ހިންގާ 21 މީހަކަށް ވެސް ފުރާންސްގެ ސަރަހައްދަށް ވަނުން މިހާރު ވަނީ މަނާކޮށްފައެވެ.
ބެން ގަވީރު އަދި ސްމޮޓްރިޗް އަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔައިގެ ކޯލިޝަން ސަރުކާރުގެ އެންމެ މުހިންމު ދެ މީހުންނެވެ.
މި ދެ މިނިސްޓަރުންނާ ދެކޮޅަށް ފިޔަވަޅުއެޅީ ހަމައެކަނި ފުރާންސަކުން ނޫނެވެ. އަޔަލޭންޑާއި، ސްޕެއިން އަދި ސްލޮވީނިއާގެ އިތުރުން، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އިނގިރޭސިވިލާތުން ވެސް ވަނީ މި ދެމީހުން އެ ގައުމުތަކަށް އެތެރެވުން މަނާކޮށްފައެވެ.
ފުރާންސްގެ މި ނިންމުމަކީ ފަލަސްތީނުގެ ބިންތަކަށް ޔަހޫދީން ވެރިވެގަތުމަށް ބާރުއަޅާ އިސްރާއީލުގެ ހަރުކަށި ސިޔާސީވެރިންނާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ބައެކެވެ. އިސްރާއީލުގެ ކަނާތު ފިޔައިގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ މިފަދަ ވަޒީރުން ގެންދަނީ ހުޅަނގު އައްސޭރީގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އާބާދީތައް ފުޅާކުރުމަށް ރަސްމީކޮށް ބަޖެޓު ހަމަޖައްސައި، ފަލަސްތީނު މީހުންގެ ބިންތައް އަތުލުމަށް ފާޅުގައި ހިތްވަރު ދެމުންނެވެ.
އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ސްމޮޓްރިޗް ފުރާންސަށް އެރުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ