ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް އިޓަލީގެ ހަތަރު މީހަކު ގެއްލި، އެކަކު މަރުވި ހާދިސާއާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވ. އަތޮޅުގައި ޑައިވިންއަށް ގޮސްގެން އުޅެނިކޮށް، އެ މީހުން ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ އިއްޔެ މެންދުރުފަހު 1:45ގަ އެވެ.
އެ ހާދިސާގައި މިހާތަނަށް ފެނުނީ އެންމެ މީހެއްގެ ހަށިގަނޑެވެ. ފަތުރުވެރިޔާގެ ހަށިގަނޑު ފެނުނީ ކަނޑު އަޑީގެ ކޭވްއެއްގެ ތެރެއިން ކަމަށާއި ބާކީ ތިބި ހަތަރު މީހުން އަދިވެސް ހޯދަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.
ތަފްސީލް - ރައީސް ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ހިތާމަކުރައްވާ ކަމަށެވެ. އަދި އެ ހާދިސާގައި ގެއްލުނު ހަތަރު ޑައިވަރުންނާއި މަރުވި މީހާގެ އާއިލާއަށް ރައީސް ވަނީ ހަމްދަރުދީ ފޮނުއްވަވާފަ އެވެ.
މި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ރައީސް ވިދާޅުވި ގޮތުގައި، ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށެވެ. އަދި އެކަމުގައި އިޓަލީގެ ސަރުކާރުން ވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އެނގުން މުހިންމު - ފުލުހުން އެންމެ ފުރަތަމަ ބުނީ، ފަސް ޑައިވަރުން ވެސް މަރުވެފައި ތިއްބާ ފެނިފައިވާ ކަމަށެވެ. ނަމަވެސް ފަހުން އެއީ މައުލޫމާތުގެ ކުށެއް ކަމަށާއި ފެނުނީ އެކަކުގެ ހަށިގަނޑު ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި:
އެކެއްގެ ހަށިގަނޑު ފެނިފައިވަނީ އެ މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް
ހަށިގަނޑު ފެނުނީ ރޭ އިރުއޮއްސި 6:13 ހާއިރު މޫދު އަޑިން
އެ މީހާގެ ހަށިގަނޑު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި
"މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން،" އެމްއެންޑީއެފުން ބުންޏެވެ.
ފާހަގަކުރެވޭ - މަރުވި ހަތަރު ޓޫރިސްޓުންނާއި އެ މީހުންގެ އިންސްޓްރަކްޓަރު 60 މީޓަރަށް ފީނިއިރު، ރާއްޖޭގައި އާންމުކޮށް ޑައިވްކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ.
ޑައިވިން ހާދިސާއާ ގުޅިގެން އިޓަލީގެ ރައީސް އާއި ރައްޔިތުންނަށް ރައީސްގެ ތައުޒިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ