މީޑިއާތަކުން ބޭއްވި ހިނގާލުމަށް އެސްއޯ ފުލުހުން ހުރަސް އަޅައިފި

ކްރިމިނަލް ކޯޓުން ނެރުނު 'ގެގް' އަމުރާ ހިލާފުވެގެން ޖަލަށް ލާފައިވާ ދެ ނޫސްވެރިން މިނިވަންކުރަން ގޮވާލައި މީޑިއާތަކުން މިއަދު ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފި އެވެ.
ވީ ކިހިނެއް؟ - 'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީއެއްގައި ރައީސް މުހައްމަދު މުއިއްޒުއަށް ގަޒުފުކުރި ކަމުގެ ތުހުމަތުގައި އެ ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ދައުވާކޮށްފަ އެވެ. އަދި ޕީގެ ފަރާތުން އެދިގެން، ކްރިމިނަލް ކޯޓުން ވަނީ، އެ ވީޑިއޯގެ މައުލޫއުއަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ވެސް އެއްވެސް މީހަކު އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އަމުރެއް ނެރެފަ އެވެ.
'އަދަދު'ގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒުއާ ކުރި ސުވާލެއްގައި އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި އޭނާ 15 ދުވަހަށް ވަނީ ޖަލަށް ލައިފަ އެވެ. އަދި ހަމަ އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އެ އަމުރު ނެރުނު ކަމުގެ ހަބަރު އެ ނޫހުގައި ލިޔުނީ އަމުރާ ހިލާފަށް ކަމަށް ނިންމައި އޭނާ 10 ދުވަހަށް ވަނީ ޖަލަށް ލާފަ އެވެ.
ތަފްސީލު - އެ ދެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި، މިއަދު މީޑިއާތަކުގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި ބައެއް އާންމުން ހިމެނޭ ގޮތަށް ސުލްހަވެރި އެއްވުމެއް ވަނީ ބާއްވާފަ އެވެ.
މިއަދު ހަވީރު 4 ޖެހިއިރު އާޓީފިޝަލް ބީޗު ސަރަހައްދުން ފެށި އެ އެއްވުމުގެ ބައިވެރިން ޝުއޫރު ފާޅުކުރުމަށް ފަހު އެ ހަރަކާތް ނިންމާލަން މިސްރާބު ޖެހީ ރަސްފަންނަށެވެ.
ނަމަވެސް އެ ހިސާބަށް ނުދެވެނީސް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ އެއްވުމުގެ ބައިވެރިންނަށް ހުރަސްއަޅާފަ އެވެ.
ހިނގާލުމުގެ ބައިވެރިން މަސައްކަތްކުރީ އަމީނީމަގުން ގޮސް، ނިކަގަސްމަގުން ލާފައި މަޖީދީމަގަށް ނުކުތުމަށެވެ. ފުލުހުން އެކަމަށް ފުރުސަތު ނުދިނުމުން ދެން މަސައްކަތްކުރީ ޖެހިގެން އޮންނަ ދަނބުރުއްމަގުން ނުކުމެވޭތޯ އެވެ. ނަމަވެސް އެކަމަށް ވެސް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.
ރަސްފަންނާ ހަމައަށް ދިއުމުގެ ފުރުސަތު ނުދިނުމުން، އެ ހަރަކާތް ދަނބުރުއްމަގުން ނިންމާލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ