ކެރިކަށް ޔުނައިޓެޑުން ދެނީ ދެ އަހަރުގެ ކޮންޓްރެކްޓެއް

މެންޗެސްޓާ (މެއި 15) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުރި މައިކަލް ކެރިކް އަށް އެ ކްލަބުން ދޭން ނިންމާފައިވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 
ކެރިކް ވަނީ މީގެ ކުރިން 2021 ވަނަ އަހަރު ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އެއީ، 2021 ވަނަ އަހަރު ނޮވެމްބަރު މަހު، ޔުނައިޓެޑްގެ ކޯޗު، އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމުން އެ ސީޒަނުގެ ބާކީބައިގަ އެެވެ. އެ ފަހަރު ކެރިކަށް ޓީމުގެ ކޯޗުކަން ނުދީ ގެނައީ އަޔަކްސްގެ ކޯޗު އެރިކް ޓެން ހާގް އެވެ. ކެރިކް ވަނީ މިޑްލްސްބަރާގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ޕޯޗުގީސް ކޯޗު، ރުބެން އަމޮރިމް، ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށް އެ ޓީމުން ފުރަތަމަ ހަވާލުވި ވަގުތީ ކޯޗު، ޑަރެން ފްލެޗާއާ އެކު ނުކުމެ ދެ މެޗުން ވެސް މޮޅެއްނުވިއެވެ. އޭގެ ފަހުން، ޔުނައިޓެޑުން ވަނީ، ޖެނުއަރީ 13 ވަނަ ދުވަހު ކެރިކަށް ޓީމުގެ ކޯޗުގެ ޒިންމާ ވަގުތީގޮތުން ދީފަ އެވެ. 
ކެރިކްގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅުނު 14 މެޗުގެ ތެރެއިން 10 މެޗުން މޮޅުވިއިރު، ދެ މެޗުން ބަލިވެ، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ޔުނައިޓެޑުން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ފަހެއް ކަށަވަރުކޮށް، ލީގުގައި ބާކީ ތިން މެޗު އޮއްވައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލިގުގެ ޖާގައެއް ވެސް ހޯދައިފަ އެވެ. ޔުނައިޓެޑުން ޗެމްޕިއަންސް ލީގު މި ކުޅެނީ ދެ ސީޒަނަށް ފަހު އެވެ. 
ޔުނައިޓެޑުން ނިންމާފައިވަނީ، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއް ކެރިކަށް ދިނުމަށެވެ. އެ އެއްބަސްވުމުގައި އިތުރު އެއް އަހަރަށް އާ ކުރެެވޭ މާއްދާއެއް ވެސް ހިމަނަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. 
ޔުނައިޓެޑުން ދާއިމީ ކޯޗެއް ގެންނަ އެންމެ ބޮޑު އެއް ޓާގެޓަކީ، އަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި، ޔޫރަޕްގައި ވެސް ކާމިޔާބީތައް ހޯދުމެވެ. ޔުނައިޓެޑުން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުުކުރީ 2008 ވަަނަ އަހަރު އެވެ. އަދި، ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދީ 2013 ވަނަ އަހަރު އެވެ. 
 މި ސީޒަނުގައި ޔުނައިޓެޑަށް ބާކީ އޮތް ތިން މެޗަށް ބަލާއިރު، އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗާއި ރަށުންބޭރުގައި ސަންޑަލެންޑާއި ބްރައިޓަންއާ ބައްދަލުކުރާ މެޗެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ