ފިޓް ނޫނަސް ލުކާކޫ ބެލްޖިއަމްގެ ވޯލްޑް ކަޕް ސްކޮޑަށް

ބްރުސެލްސް، ބެލްޖިއަމް (މެއި 15) - އަންނަ މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރަން ނެގި ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި، މި ވަގުުތު ފިޓްނަސް ދަށްކޮށް ހުރި ނަޕޯލީގެ ފޯވާޑް ރޮމެލޫ ލުކާކޫ ހިމަނައިފި އެވެ. 
މި ހަފްތާގަައި 33 އަހަރު ފުރޭ ލުކާކޫ އަކީ ބެލްޖިއަމްގެ ތާރީހުގައި ވެސް އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެ ގޮތުން، ލުކާކޫ ވަނީ 124 މެޗުން 89 ގޯލު ޖަހައިފަ އެވެ. މިދިޔަ ދެ މަސް ދުވަހު، ބެލްޖިއަަމްގައި ހުރެ ފަަލަމަސްގަނޑަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ ލުކާކޫ މި ސީޒަނުގައި މިހާތަނަށް ކުޅެފައިވަނީ ހަތް މެޗުގަ އެވެ. އެ ހަތް މެޗުގައި ބަދަލަކަށް ކުޅެން އަރައި، ފުރިހަމަކޮށްފައިވަނީ 69 މިނިޓެވެ.
ބެލްޖިއަމް ގައުމީ ޓީމަށް ލުކާކޫ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ، މިދިޔަ އަހަރުގެ ޖޫން މަހު ވޭލްސްއާ ދެކޮޅަށެވެ. 
"ރޮމެއޫ (ލުކާކޫ) އަނިޔާ އިން ރިކަވާވެއްޖެ. އެކަަމަކު، އޭނަ ހުރީ އެންމެ ރަނގަޅު ހާލަތުގައެއް ނޫން. އަހަންނަށް ޔަގީނެއް ނޫން އޭނަ ހުރިހާ މެޗެއްގައި ފަށާނެ ކަމެއް. އެކަމަކު، ޔަގީންކަމެއް އެއީ ބެލްޖިއަމްގައި ހުރި އެންމެ ރަނގަޅު ސްޓްރައިކަރު. ބެލްޖިއަމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ،" ބެލްޖިއަމްގެ ކޯޗު، ރުޑީ ގާސިއާ ބުންޏެވެ. 
ގާސިއާ ބުނީ، ބެލްޖިއަމްގެ ސްޓާފުންނަށް ފަސް ހަފްތާއެއްހާ ދުވަސް ލިބިފައި އެބައޮތް ކަމަށާއި އެއީ ލުކާކޫ ފަދަ ކުޅުންތެރިއަކުގެ ފިޓްނަސް ރަނގަޅުކޮށް، ޓީމަށް އެހީތެރިވެދެވޭނެ ލެވަލަށް އޭނާ ގެންނަން ބަލާއިރު ރަނގަޅު މުއްދަތެއް ކަމަށެވެ. 
ބެލްޖިއަމް އިން ވަނީ މިދިޔަ ހަފްތާގައި ރަށްވެހިކަން ބަދަލުކުރި އިޓަލީ އާއި ސްޕެއިނަށް އަށް ނިސްބަތްވާ ފޯވާޑް، މަޓިއަސް ފެނާންޑޯ ޕާޑޯ ހިމަނައިފަ އެވެ. ޕާޑޯ، މިދިޔަ އަހަރު ސްޕެއިނަށް ބަދަލުވި ނަމަވެސް، އޭނާ އަށް ސީނިއާ ޓީމުން ފުރުސަތު ނުލިބުުމުން، އޭނާ ވަނީ އަލުން ބެލްޖިއަމަށް ބަދަލުވެފަ އެވެ. ފްރާންސްގެ ލިލް އަށް ކުޅެމުން އަންނަ ޕާޑޯ އަކީ ޔޫތު ލެވަލްގައި، ބެލްޖިއަމަށް ކުޅުނު ކުޅުންތެރިއެެކެެވެ. 
ވޯލްޑް ކަޕްގައި، ބެލްޖިއަމް ހިމެނެނީ، މިސްރާއި އިރާން އަދި ނިއު ޒީލެންޑާ އެއް ގްރޫޕެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ