ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދަން ކުރަމުން އަންނަ މަސައްކަތަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ވ. އަތޮޅުގައި ޑައިވިންއަށް ގޮސްގެން އުޅެނިކޮށް، ފަސް ޑައިވަރަކު ގެއްލިގެން އިއްޔެ މެންދުރުފަހު 1:45ގައި ވަމނީ ރިޕޯޓުކޮށްފަ އެވެ.
އޭގެ ތެރެއިން މިހާތަނަށް ފެނުނީ އެންމެ މީހެއްގެ ހަށިގަނޑެވެ. ފަތުރުވެރިޔާގެ ހަށިގަނޑު ފެނުނީ ކަނޑު އަޑީގެ ކޭވްއެއްގެ ތެރެއިން ކަމަށާއި ބާކީ ތިބި ހަތަރު މީހުން އަދިވެސް ހޯދަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.
ތަފްސީލު - ގެއްލުނު ޑައިވަރުން ހޯދަން ކުރަމުން އަންނަ މަސައްކަތްތައް ބައްލަވާލައްވަން ރައީސް މުއިއްޒު ވަނީ މިއަދު އެ ސަރަހައްދަށް ވަޑައިގެން، ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ މަސައްކަތުގެ ތަފްސީލީ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ރައީސްއަށް ދިނެވެ. އަދި އެމަނިކުފާނު ވަނީ މި މަސައްކަތުގައި އުޅޭ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.
އޭގެ އިތުރުން މިކަމުގައި އެފަރާތްތަކަށް ބޭނުންވާނެ ހުރިހާ ކަންކަން ހަމަޖައްސައިދިނުމަށް ސަރުކާރުން އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
އެ ހާދިސާއާ ގުޅިގެން ރައީސް ވަނީ އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
ގެއްލުނު ޑައިވަރުން ހޯދަން ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ