އެޗްޑީސީގެ ޗީފް އިންޓާނަލް އޮޑިޓަރު ވަކިކުރިކަން އަންގައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް އިންޓާނަލް އޮޑިޓަރު ކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ޝަރީފް އެ މަގާމުން ވަކިކުރިކަން އަންގައިފިއެވެ. ޝަރީފް ވަނީ އޭނާ ވަކިކުރަން އެޗްޑީސީގެ ބޯޑުން ނިންމާ އެކަން އޭނާއަށް ރަސްމީކޮށް ލިޔުމުން އަންގާފައިވާކަން "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ. ޝަރީފް ވިދާޅުވި ގޮތުގައި އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނީ ނިމިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައެވެ. ޝަރީފް ވިދާޅުވީ އޭނާ މަގާމުން ވަކިކުރި ސަބަބެއްގެ ގޮތުގައި އެޗްޑީސީން ދީފައިވާ ލިޔުމުގައި ބުނެފައި ވަނީ، ކުންފުނިން ބޭނުންވާ މިންގަނޑަށް މަސައްކަތް ނުކުރެވުން ކަމަށެވެ. ނަމަވެސް ޝަރީފް ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު މަގާމުން ވަކިކުރަން ނިންމިކަން އެންގީ ނިމުނު ހަފުތާގެ ބުދަ ދުވަހު އޮތް ބޯޑުގެ ބައްދަލުވުމަށް ފަހު. ވަކިކުރަން ނިންމިކަން އަންގާފައި ވަނީ ލިޔުމުން. އެއީ މަގާމުން ވަކިވާއިރު ދޭނެ ފޯމެއް ފުރަން. އެ ފޯމުގައި ސަބަބެއް ކަމަށް ބުނެފައި ވަނީ ބޭނުންވާ މިންގަނޑަށް މަސައްކަތް ނުކުރެވޭ ކަމަށް. އެހެން ނަމަވެސް އަޅުގަނޑު އެކަމަށް އިންކާރު ކުރިން،" ސަން އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވިއެވެ. އެޗްޑީސީގެ ޗީފް އިންޓާނަލް އޮޑިޓަރު މަގާމުގައި ހުންނެވި މުޙައްމަދު ޝަރީފް އެ މަގާމުން ވަކިކުރަން ނިންމިއިރު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އެޗްޑީސީއަކީ މީގެ ކުރިން ކޮރަޕްޝަނާއި ވައްކަމުގެ އެކި ތުހުމަތުތައް ކުރެވި ގިނަ ބަޔަކު މަގާމުން ވަކިކޮށްފައިވާ ކުންފުންޏެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެޗްޑީސީ އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުުމުގައި ހިންގާ އެއް ކުންފުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ