ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ހެޑް ކޯޗަކަށް ހޯޖޭ ޖެސޫސް ހަމަޖައްސައިފި އެވެ.
އޭނާ މި މަގާމާ ހަވާލުވީ ވޯލްޑް ކަޕުން އެ ޓީމު ކެޓުމާ ގުޅިގެން މަގާމުން ވަކިވި ރޮބާޓޯ މާޓިނޭޒްގެ ބަދަލުގަ އެވެ.
ވޯލްޑް ކަޕްގައި އެމެރިކާގެ ޑަލަސްގައި ގަދަ ގަދަ 16 ގެ މެޗުގެ ފަހު މިނެޓުގައި ސްޕޭން އަތުން ޕޯޗުގަލް ބަލިވީ 1-0 އިންނެވެ.
ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި މުބާރާތުގެ ހަތަރުވަނަ ހޯދި ފަހުން، ވޭތުވެދިޔަ ފަސް ވޯލްޑް ކަޕްގައިވެސް ޕޯޗުގަލްއަށް ކުއާޓާ ފައިނަލުން ކުރިއަށް ދެވިފައެއް ނުވެ އެވެ. އެ ޓީމަށް ކުއާޓާ ފައިނަލަށް ދެވުނީވެސް ހަމައެކަނި 2022 ވަނަ އަހަރު އެވެ.
އެގޮތުން 2014 ވަނަ އަހަރު ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އަދި 2010، 2018 އަދި 2026 ވަނަ އަހަރު އެ ޓީމު ކެޓީ ގަދަ 16 ގެ ބުރުންނެވެ.
އުމުރުން 71 އަހަރުގެ ޖެސޫސް، ޕޯޗުގަލްގެ އެފްއޭއާ އެކު ސޮއިކުރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން ޔޫކޭ އަދި އަޔަލޭންޑްގައި ބާއްވާ ޔޫރޯ 2028 އަދި 2030 ވަނަ އަހަރު އަމިއްލަ ގައުމު ވެސް ހިއްސާވެގެން ބާއްވާ ވޯލްޑް ކަޕްގައިވެސް އެ ޓީމަށް އިރުޝާދު ދޭނީ އޭނާ އެވެ.
ޕޯޗުގަލް، ސްޕޭން އަދި މޮރޮކޯ ގުޅިގެން ކުރިއަށް އޮތް ވޯލްޑް ކަޕް ގިނަ މެޗުތަކެއް ހޯސްޓް ކުރާނެ އެވެ. އަދި މުބާރާތުގެ 100 އަހަރު ފުރުން ފާހަގަކުރުމަށް އާޖެންޓީނާ، އުރުގުއާއީ އަދި ޕެރަގުއާއީގައި ޚާއްސަ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖެސޫސް ވަނީ އޭނާގެ ކޯޗިން ކެރިއަރުގެ ފުރަތަމަ 28 އަހަރު ޕޯޗުގަލްގެ އެކި ކްލަބްތަކުގައި ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ކާމިޔާބީ ބެންފިކާއާއެކު ތިން ލީގު ތަށި ހިމެނޭހެން 10 މުބާރާތް ކާމިޔާބުކޮށް، ދެ ފަހަރު ޔޫރޮޕާ ލީގުގެ ފައިނަލަށް ދިއުމެވެ.
އޭނާ ވަނީ 2025-26 ވަނަ އަހަރުގެ ސީޒަނުގައި އަލް ނަސްރަށް ސައުދީ ޕްރޯ ލީގު ކާމިޔާބުކޮށްދީފަ އެވެ. އެއީ އެ ކްލަބާ 2023 ގައި ރޮނާލްޑޯ ގުޅުނު ފަހުން، އެ ކްލަބަށް ލިބުނު ފުރަތަމަލީގު ތައްޓެވެ.
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޖެސޫސްއާ އެކު މި ފެށީ އާ ދަތުރެއް ކަމަށެވެ.
"މިއަދު މި ފަށަނީ އައު މިސްރާބަކަށް ދަތުރެކެވެ. ގައުމީ ޓީމަށް މަރުހަބާ މިސްޓަރ ހޯޖޭ ޖެސޫސް،" ޕޯޗްގީޒުންގެއެފްއޭން ބުންނެވެ.
"އާ މިސްރާބަކަށް މި ފެށީ އާ ދަތުރެއް" ޕޯޗުގަލްގެ ކޯޗުކަން ޖެސުުސްއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ