ހުޅުލެއަށް ޖައްސަން އުޅުނު ފްލައިޓެއް މޫސުން ގޯސްވުމުން ލަންކާ އަށް ޑައިވާޓް ކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން އައި ޗައިނާ ސައުތަން އެއާލައިންގެ ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް އަށް ޑައިވާޓް ކޮށްފިއެވެ.
މިފްލައިޓަކީ ޗައިނާގެ ގުއަންޒޫ އިން ފުރައިގެން މާލެ ދަތުރުކުރި ފްލައިޓެކެވެ. ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން ހަމަޖެހިފައި އޮތީ މިރޭ 19:50 ގައެވެ. ރާއްޖެ ސަރަހައްދުގައި އޮތުމަށް ފަހު ފްލައިޓް ޑައިވާޓް ކުރީ މިރޭ އަށެއްޖެހި ފަހުންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ގިނަ ފްލައިޓްތައް މިރޭ ވަނީ ޑިލޭ ވެފައެވެ. މިރޭ ރާއްޖޭގެ ގިނަ ޑޮމެސްޓިކް ފްލައިޓްތަކެއް ޑިލޭވިއިރު އިންޑިއާގެ ޓްރިވަންޑްރަމް އިން މާލެ އައި މޯލްޑިވިއަންގެ ފްލައިޓެއް ވެސް ވަނީ ޑިލޭ ވެފައެވެ.
އަދި ފުވައްމުލަކުންނާއި ކައްދޫ އިން މިރޭ މާލެ އައުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ދެފްލައިޓެއް ވެސް މިހާރު ވަނީ ޑިލޭ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ