ސޯޝަލް މީޑިއާއަށް ބަބްލީ މޫސުން އައިސްފައި

ކޮންމެ ކަމެއްގައިވެސް ދިވެހިންނަށް އަންނަނީ މޫސުމެވެ. މާވަހަރު ލައްގާ މޫސުމެއްގައި ހުސް މާވަހަރެވެ. މަތިންދާ ބޯޓުގެ ބައިތައް ލެއްގި މޫސުމުގައި މުޅިވެސް ލައްގަނީ މަތިންދާ ބޯޓުގެ ބައިތަކެވެ. ހަމައެބީދައިން މިފަހަރު މިއޮތީ ބަބްލީ ގޯލްޑްގެ މޫސުމެވެ.
އާއެކެވެ. އިހުގައި ދިވެހިންގެ ތެރެއަށް އެންމެ މަޝްހޫރު ސުޕާރީއަކީ ޕާކިސްތާނުގެ ރަސްލީ ސުޕާރީއެވެ. އެހެނަސް ބަބްލީ ސުޕާރީ ރާއްޖެއަށް ތަޢާރަފްކުރެވުނު ހިސާބުން މި ރޭހުގައި ރަސްލީގެ ނަން ފަނޑުވަމުންދަނީ ދާދި ހަލުވި ބާރުމިނެއްގައެވެ. އެ ބާވަތް ވެގެން ދިޔައީ ދިވެހިންގެ ހިތްތަކުގެ ރާޖާ އާއި ރާނީ އަށެވެ. އިސާހިތަކު ދިވެހިންގެ ހިތްތައް ކަތިލަމުން ގޮސް އެހެނިހެން ބާވަތްތަކުގެ އަލި ފަނޑުކޮށްލައިފިއެވެ. މިވެސް ޕާކިސްތާނުގެ އުފެއްދުމެކެވެ.
ކޭ.ޑީ.އެމް އިން ބަބްލީ ސުޕާރީ ރާއްޖެއަށް އެތެރެކޮށް މާކެޓަށް ތަޢާރަފް ކުރި ހިސާބުން ފެށިގެން ވެސް ބަބްލީ ސުޕާރީ އައީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ބަބްލީ މިވަނީ އިންސާނުންގެ ހިތްތައް ކަޑައްތުކޮށް ސޯޝަލް މީޑީއާގެ ހިތާއި ވެސް ކުޅެލާފައެވެ. ސޯޝަލް މީޑިޔާގެ ހިތުން ބަބްލީ ސުޕާރީ ޖާގަ ހޯދީ އޭގެ ޕަކެޓެއްގެ ތެރެއިން ފަންޏެއް ފަދަ އެއްޗެއްގެ ހިކިފައިވާ ތޮށިގަނޑެއް ފެނުނުކަމަށް ބުނެ ބަބްލީ ބޮއިކޮޓް ކުރުމަށް ގޮވާލާ، ސޯޝަލް މީޑިއާގައި ފޮޓޯއެއް ދައުރުކުރާން ފެށި ހިސާބުންނެވެ.
ނަމަވެސް އެ ފޮޓޯ ވެގެން ދިޔައީ ބަބްލީގެ ސޯޝަލް މީޑީޔާގެ އިންގިލާބަށެވެ. އިސާހިތަކު ފޮޓޯއަކަށްފަހު ފޮޓޯއެކެވެ. އެއްޗަކަށްފަހު އެއްޗެކެެވެ. ދެން ފެނިގެން ދިޔައީ ބަބްލީ ސުޕާރީގެ ތެރެއިން ކޯސްޓް ކިރު ދަޅާއި ގެރިކިރު ދަޅާއި ހިކިމަސްފަދަ ކެއިން ބުއިމުގައި ބޭނުންކުރާ ބައެއް ތަކެތިވެސް ފެނިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފޮޓޯތައް އާންމު ކުރި މަންޒަރެވެ.
އެއަށްފަހު ވަގުތު ގުނެމުން ދިޔަ ވަރަކަށް ސޯޝަލް މީޑީއާއަށް އޮހެމުން ދިޔަ ފޮޓޯތައް ދިޔައީ ގިނަވަމުންނެވެ. އިތުރުވަމުންނެވެ. އަގު ބޮޑެތި މޯބައިލް ފޯނުތަކާ، އައިޕެޑާއި، ޓެބްލެޓާއި، ޕީ.އެސް.4 ގެ އިތުރުން އެކްސް.ބޮކްސް ފަދަ ޓެކްނޮލޮޖީގެ އެތައް ވަސީލަތްތަކެއް ވެސް ބަބްލީ ސުޕާރީ ޕެކެޓްތަކާއި އެކުގައިވާތީ ފެނެއެވެ.
ބަބްލީ ސުޕާރީގެ ތެރެއިން ޑޮލަރާއި ގިނަ އަދަދެއްގެ ފައިސާތައް ވެސް ފެނިފައިވާ ކަމަށްވެއެވެ. ހަމައެހެންމެ ކަތުރާއި، އިސްތިރި ފަދަ ތަކެތި ފެނިފައިވާ އިރު ދިރޭ ހަރުފަތައް ވެސް ބަބްލީ ސުޕާރީ ޕެކެޓުން ފެނިފައިވާތީ ފޮޓޯތަކުން ފެނެއެވެ.
ނަމަވެސް ހިތާމައަކީ ބަބްލީ ސުޕާރީ ޕެކެޓުގެ ތެރެއިން ރަސްލީ ސުޕާރީ ޕަކެޓެއްވެސް ފެނިފައިވުމެވެ. ދެބެއިން ކަމުގައި ވިޔަސް ވިޔަފާރީގައި އެއީ ދެ ވާދަވެރިންނެވެ. އެހެންކަމުން އޭގެ ތެރެއިން ރަސްލީ ޕެކެޓެއް ފެނުމަކީ ބަބްލީއަށް ލޯބިކުރާ ފަރާތްތަކުގެ ހިތް ނޭދޭނެކަމެއް ކަމަށް ބެލެވެއެވެ.
ކޮންމެއަކަސް ބަބްލީ ގޯލްޑް ސުޕާރީ އިން މިއަދު ނުފެންނަ އެއްޗެއް ނެތެވެ. އެހެނަސް ޙަޤީގަތުގައި މި ހުރިހާ ފޮޓޯތަކުން ވެސް އެނގި ހާމަވެގެންދަނީ ހަމަ އެންމެ ކަމެކެވެ. ބަބްލީ ސުޕާރީއަށް ދިވެހިންގެ ހިތުގައި ދެވިފައިވާ ލޯތްބެއްގެ ބޮޑުކަމެވެ. ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯގެ ޙަޤީގަތް އަދި އެނގިފައި ނެތްނަމަވެސް ބަބްލީއަށް އެމީހުންގެ ހިތްތައް ދެވިފައިވާ ދިވެހިންނަށް އެފޮޓޯގެ ސަބަބުން  މާބޮޑު އަސަރެއް ކޮށްފައިނުވާކަަން މި ފޮޓޯތަކުން ބުނެދެއެވެ. އެހެންކަމުން އެގިގެންދަނީ އެފަދަ ފަންޏެއް ފެނުނުކަމަށް ބުނާ ވާހަކަ ޤަބޫލުކުރަން ދިވެހިން ބޭނުންނުވާ ކަމެވެ. ނުވަތަ އެކަމުގައި އެއްވެސް ޙަޤީގަތެއް އޮތްކަމަށް ދިވެހިން ގަބޫލުނުކުރާ ކަމެވެ. ދިވެހިންގެ ހިތުގައި ބަބްލީއަށް ދެވިފައިވާ މަޤާމެއް ނުގެއްލޭނެ ކަމެވެ. ސޯޝަލްމީޑިއާގައި ދައުރުވަމުން މިދާ ގިނަގުނަ ފޮޓޯތަކުން ދޭހަވާ އެއްޗަކީ އެއީއެވެ.
ބަބްލީ ސުޕާރީގެ ކާމިޔާބީގެ ރާސްތާއަށް ދުރު ވިސްނުމަކުން ވިސްނާލުމުން ދެން ފެންނާނީ މުޅިން އެހެން މަންޒަރެއް ކަމަށް ލަފާކުރެވެއެވެ. އެއީ ބަބްލީ ސުޕާރީއާއި އެކު ސެލްފީ ނަގާ މަންޒަރެވެ. އެހެނީ ސެލްފީ އާންމު ވެފައިވާ މިފަދަ ޒަމާނެއްގައި ބަބްލީ ފަދަ މަޝްހޫރު އެއްޗަކާއި އެކުގަައި ސެލްފީ ނަގާނެ ކުދިންވެސް މަދު ނުވާނެކަމީ ޔަގީން ކަމެކެވެ. މިއަދު ސޯޝަލް މީޑިޔާގައި ބަބްލީ މަަޝްހޫރުވިފަދައިން " SelfieWithBubbly# " މަޝްހޫރުވުމަކީ ވެސް ދުރުކަމެއް ނޫނެވެ.
އެހެންކަމުން ބުނެވެން އޮތީ ދިވެހިންނާއި ބަބްލީ އާއި ވަކިކުރުމަކީ އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ. ދިވެހިންނާއި ބަބްލީ އާއި ގުޅިފައިވަނީ އޭގެ އިންތިހާއަށެެވެ. އެއީ އެތަށް ދިވެއްސެއްގެ ހިތަށް ވަގުތީ ހިތްހަމަ ޖެހުމަކާއި އުފަލެއް ގެނެސްދޭ އެއްޗެއްކަން މިއަދު މިވަނީ ސާބިތުވެފައެވެ.
ލައިލާ އާއި މަޖުނޫނެވެ. ޝީރީން އާއި ފަރުހާދެވެ. ދިވެހިންނާއި ބަބްލީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ