ސިޔާސީ ކުށްވެރިންނެއް ނުތިބޭނެ - އުމަރު

ސަރުކާރުގެ ނަޒަރުގައި ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ސަރުކާރުން އިދިކޮޅު އެމްޑީޕީއާ އެކު ކުރަމުން ގެންދާ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން ރޭ ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އުމަރު ވިދާޅުވީ އެއްވެސް މީހަކު ބަންދުގައި ނުވަތަ ޝަރުޢީ ހުކުމެއް ތަންފީޒު ކުރަމުން ދަނީ ސިޔާސީ ކުށްވެރިންގެ ގޮތުގައި ނޫން ކަމަށާއި ގާނޫނުގެ ނަޒަރުގައި ކުށެއް ކޮށްފި ނަމަ އެކުށް ވާނީ ކުށަކަށް ކަމަށެވެ.
އުމަރު މިހެން ވިދާޅުވި އިރު ހުކުމް ތަންފީޒް ކުރަމުންދާ މީހުންނާއި ޝަރުއީ މަރުހަލާގައި ތިބި "ސިޔާސީ ކުށްވެރިން" ކަމަށް ބުނާ 1،493 މީހެއްގެ މައްސަލަ މިދިޔަ ހަފުތާގެ މަޝްވަރާ ބައްދަލުވުމަށް އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ.
މި މީހުންނާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ މުޒާހަރާތަކުން ހައްޔަރު ކޮށްފައި ތިބި ބައެއް މީހުންގެ ބޮޑެތި ކުށުގެ ރެކޯޑުތައް އެބަހުރި ކަމަށާއި އެފަދަ މީހުންނަށް ލުއި ދިނުމަކީ އޮޕްޝަނެއް ނޫން ކަމަށެވެ. ނަމަވެސް ކުދި ކުދި ކުށްތަކުގެ ސަބަބުން ކުރިމަގު ބަންދުވެފައި ތިބި ގިނަ ޒުވާނުން އެބަ އުޅޭ ކަމަށާއި އަދި އެމްޑީޕީން ފޮނުވި ލިސްޓުގައިވެސް އެފަދަ ޒުވާނުން ހިމެނޭ ކަމަށް އުމަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސްޓޭންޑަކީ ކުދި ކުށްތަކުގެ ރެކޯޑް އޮންނަ މީހުންނަށް ސަރުކާރުގެ ސިޔާސަތުގެ ދަށުން ލުއި ދެމުން ދިއުން ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ފަރާތުން އިބޫ ވިދާޅުވީ ސަރުކާރަށް ފޮނުވާފައި އޮތް ލިސްޓުގައި ހިމަނާފައިވަނީ މުޒާހަރާތަކުންނާއި ސިޔާސީ އެހެނިހެން ހަރަކާތްތަކުން ހައްޔަރުކޮށްގެން ގެންގޮސްފައިތިބި މީހުންގެ ނަންތައް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފަރާތުން ފޮނުވާފައިވާނީ ސިޔާސީ ހަރަކާތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފައިވާ މީހުންގެ ނަންތައް. އަޅުގަނޑުމެން ނުބަލަން އެމީހުންގެ ކުށުގެ ރެކޯޑް. ފަހަރެއްގަ ތަންކޮޅެއް ޑީޓެއިލްކޮށް ސަރުކާރުން އެކަންތައްތައް ބެއްލެވީމަ ވެދާނެ ހުރީ ކަމަށް. ނުހުންނާނެ އޭ އެއް ނޫން،" އިބޫ ވިދާޅުވިއެވެ.
ހުކުމް ތަންފީޒް ކުރަމުންދާ މީހުންގެ ތެރެއިން ލުއި ދިނުމަށް އެމްޑީޕީން ހުށަހަޅާފައިވާ މީހުންގެ ތެރޭގައި ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މަކަރާ ހީލަތް ހެދުމުގެ ކުށުގައި 25 އަހަރަށް ޖަލަށް ލާފައިވާ ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އިތުރުން ޓެރަރިޒަމް ކުށުގައި 10 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ހިމެނެ އެވެ.
ރޭގެ މަޝްވަރާ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެލެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ފިޝަރީން މިނިސްޓަރު ޑރ. ޝައިނީ އެވެ. އަދި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އިބޫ އާއި ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހިސާން ހުސެއިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ