ފާރިސް މައުމޫން ޖަލަށް ބަދަލުކޮށްފި

ޖަލުގައި މަރާމާތެއް ކުރާތީ ގޭބަންދަށް ބަދަލުކޮށްފައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޖަލަށް ބަދަލުކޮށްފި އެވެ.
ފާރިސް މިއަދު ޖަލަށް ބަދަލުކޮށްފައިވާއިރު އޭނާގެ މައްޗަށް އުފުލާ ޝަހުސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމ،ެއް މާދަމާ އަށް ވަނީ ތާވަލު ކޮށްފަ އެވެ.
ހުކުމަކާއި ނުލާ 85 ދުވަސް ޖަލުގައި ބަންދުކުރުމަށްފަހު ފާރިސް ގޭބަނަދަށް ބަދަލުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތަށް، ކޯޓު އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް އަމުރުކުރިއިރު، ފާރިސްގެ މައްޗަށް ތުހުމަތުކުރާ މައްސަލާގައި އޭރު ދައުވާވެސް އުފުލާފައެއް ނުވެ އެވެ.
ފަހުން މިމައްސަލާގައި ދައުވާ އުފުލައި މިހާރު ޝަރީއަތް ފަށާފައިވީނަމަވެސް، ފުރަތަމަ ދައުވާ އުފުލީވެސް ގާނޫނުލްއުގޫބާތުގެ ނުބައި މާއްދާއަކާ ހަވާލާދީ އެވެ.
ގާނޫނާ ހިލާފަށް ފާރިސް ހައްޔަރުކުރި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ދެމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މައްސަލާގައި އަދިވެސް ހުކުމް އިއްވާފައެއް ނުވެ އެވެ. އަދި ހައިކޯޓުގައި މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗަށް ފަހުން ބަދަލު ގެނައުމުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން، ހައިކޯޓުން ވަނީ ޝަރީއަތް މަޑުޖައްސާލާފަ އެވެ.
ފާރިސް މިއަދު ޖަލަށް ބަދަލު ކޮށްފައިވާއިރު ދަރިކަލަކު ލިބިވަޑައިގަތުމުން ގޭބަނަދަށް ބަދަލު ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންވެސް މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ޖަލަށް ބަދަލުކޮށްފަ އެވެ.
މޭޑޭގެ މުޒާހަރާގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޝެއިހް އިމްރާން ގޭބަންދަށް ބަދަލު ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ފިރިހެން ދަރިކަލަކު ލިބިވަޑައިގަތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ