ލީކުވެފައިވާ ސިއްރު ލިޔުންތަކުގެ ވާހަކަ ޝަރީއަތުގައި ނުދެއްކޭނެ - ގާޒީ

ލީކުވެގެން އުޅޭ ސިއްރު ލިޔުންތަކުގެ ވާހަކަ ޝަރީއަތުގެ މަޖިލީހުގައި ނުދެއްކުމަށް އަލީ ހަމީދުގެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.
ގާޒީ ހައިލަމް މިފަދައިން ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި އިބްތިދާއީ އަޑު އެހުމުގައި ދާދި ފަހުން ލީކުވެގެން އުޅޭ ސިއްރު ލިޔުންތަކުގެ ވާހަކާ ދިފާއީ ވަކީލު މަހަފޫޒް ސައީދު ދެއްކެވުމާއި ގުޅިގެންނެވެ.
މިއަދުގެ ޝަރީއަތުގެ މަޖުލީހުގައި ދިފާއީ ވަކީލް މަހުފޫޒު ސައީދު ވަނީ އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅުންހުރި ސިއްރު ލިޔުންތަކެއް 19 މާރޗް 2018 ގައި ލީކްވެފައިވާތީ އެކަމުގެ ސަބަބުން މައްސަލައިގެ ޝަރީއަތަށް އަސަރުކޮށްފާނެ ކަމަށް ވިދާޅުވެފައެވެ.
އެއާއި ވިދިގެން ގާޒީ ހައިލަމް ވިދާޅުވީ، އެ ލިޔުންތަކަކީ ސަބަބުތަކެއް އޮވެގެން އެކަމަށް ދައުލަތުން އެދިފައިވާތީ ކޯޓުން ސިއްރު ކުރަން ނިންމާފައިވާ ލިޔުންތަކެއް ކަމަށާއި، އެހެންނަމަވެސް ސިއްރުކޮށްފައިވާ ލިޔުންތަކެއް ލީކްވެފައިވަނީ އެހެން ގޮތަކަށް ކަމަށެވެ. ވީމާ ލީކްވެފައިވާ ލިޔުންތަކުގެ ވާހަކަ ޝަރީއަތުގެ މަޖިލީހުގައި ނުދެއްކޭނެ ކަމަށް ގާޒީ ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވީ އެކަން ހިނގާދިޔަ ގޮތް ފުލުހުން ތަހުގީގުކުރަމުން އަންނައިރު، އެ ލިޔުންތަކުގައިވާ އެއްވެސް މައުލޫމާތެއް ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްގެން ނުވާނެ ކަމަށާއި އެ ލިޔުންތަކުގެ ވާހަކަ ޝަރީއަތުގައި ދެއްކޭނެ ހަމައެއް ނެތް ކަމަށެވެ.
ދައުލަތުގެ ސިއްރު ލިޔުންތަކެއް ލީކްވި މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނައިރު، އެ ލިޔުންތަކުގެ ސަބަބުން މައްސަލާގައި ހުށަހަޅާފައިވާ ސިއްރު ހެކިވެރިން ވެސް ވަނީ ހާމަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ