މަސްތުވާތެއްޗާބެހޭ ޤާނޫނަށް އަމަލުކުރަން ފެށިފަހުން އެންމެ ގިނަ އަދަދަކަށް ފައިސާ ދައުލަތަށް ނަގައި، މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފިއެވެ.
ހައިކޯޓުން ބާތިލުކޮށްފައިވަނީ، ހ.ބްރެޑްލީ އަހުޒާމް ނައީމް އަދި ގ.ތަބުރުގޭ މުހައްމަދު ބިޝާރު އިސްމާއިލްގެ މައްޗަށް ތުހުމަތު ކުރެވޭ ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައާއި ގުޅުންހުރި 2.1 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ދައުލަތަށް ނަގައި، ދެ މީހަކު އުމުރަށް ޖަލަށް ލުމަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކޮށްފައިވާ ހުކުމެކެވެ. އަޒްހާމްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލުކުރިއިރު، ބިޝާރުގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ވަނީ މިދިޔަ ބުދަ ދުވަހު ބާޓިލުކޮށްފައެވެ.
މި މައްސަލަތަކުގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކުރިއިރު، މި މައްސަލައިގައި ފުލުހުންނަށް ފެނުނު މަސްތުވާތަކެތި އަޅާފައިވާ ކޮތަޅަކީ އަޒުހާމް ގެންގުޅުނު ކޮތަޅެއްކަން ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް އަޒްހާމްގެ މައްސަލައިގައި މީގެ ކުރިން ހައި ކޯޓުން ނިންމާފައިވުން ފާހަގަކޮށްފައިވެއެވެ.
އަދި މި މައްސަލައިގައި ބިޝާރަށް ކޮށްފައިވާ ކޮށްފައިވާ ހުކުމުގައި އެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތުމަށް ފަހު އެ ތަކެތި ތަހުލީލް ކުރުމާ ހަމައަށް، އެ ތަކެތި ގެންދެވުނު ތަންތަނާއި، އެކި މީސްމީހުންގެ އަތަށް އެ ތަކެތި ނަގުލުވަމުން ދިޔަ ގޮތް ބަޔާންކުރާ "ޗެއިން އޮފް ކަސްޓަޑީ ފޯމް" ފުރިހަމަ ވެފައި ނެތުންވެސް ހިމެނެއެވެ.
މި މައްސަލައަކީ 2013 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދިވެހި ފުލުހުން ހިންގި ހާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެކެވެ. ބިސާރު އަދި އަހްޒާމް ހައްޔަރު ކޮށްފައިވަނީ އެ ދެ މީހުން ހަވާލުކުރިކަމަށްބުނާ ކޮތަޅަކުން މަސްތުވާތަކެތި ފެނިގެންނެވެ. އަދި މި މައްސަލައިގެ ތަހްޤީގަށް އަހުޒާމް ހައްޔަރުކުރިއިރު އޭނާގެ ޖީބުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ފެނިފައިވާއިރު، ބިޝާރު ދިރިއުޅޭ ކޮޓަރިން އެއް މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ އިތުރުން ފަސްދޮޅަސް ހަހާސް އެމެރިކާ ޑޮލަރު ފެނިފައިވެއެވެ.
ޑްރަގް ވިޔަފާރިން ހޯދާފައިވާ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނަގަން ކުރި ހުކުމް ބާތިލު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ