ރޮހިންޖާ ފަންޑުގެ ފައިސާ ބަންގްލަދޭޝް ރެޑްކްރެސެންޓާއި ހަވާލުކޮށްފި

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން އެއްކުރި ފައިސާ ބަންގްލަދޭޝް ރެޑްކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްފިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ވިދާޅުވެއްޖެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއާއި ވާހަކަ ދައްކަވުން  މިނިސްޓަރ ވިދާޅުވީ ދަތިތަކެއް ކުރިމަވި ނަމަވެސް، ފައިސާ މިހާރު ރެޑް ކުރަސެންޓްގެ އެކައުންޓަށް ޖަމާކޮށްފައިވާނެކަމަށެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން ދިޔައީ ފަންޑުގައި ހުރި ފައިސާ ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރުމަށް. ދެން ހުރި އިދާރީ ދަތިކަންތައްތަކާއެކީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު މިވަނީ  ހަމަ މަސައްކަތް ނިންމާލެވި، ހުރިހާ ފައިސާއެއް ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރެވިފައި." މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ރޮހިންޔާ ފަންޑުގެ ފައިސާއާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް މީޑިޔާތަކުން ވަކި ބައެއްގެ އަބުރު ގެއްލޭގޮތަށް މަޢުލޫމާތު ފަތުރާފައިވާކަމަށާއި މިކަން ތަޙްޤީގްކޮށް ބަލައިދިނުމަށް ކަމާގުޅުން ހުރި މުޢައްސަސާތަކުގައި އެދިފައިވާނޭކަމަށެވެ. އޮންލައިން ނޫހެއްކަމަށްވާ، "މިހާރު" އިން ވަނީ ރޮހިންޖާ ފަންޑަށް އެއްކުރި ފައިސާ ވީނުވީއެއް ނޭންގި ގެއްލިފައިވާކަމަށް ޚަބަރު ފަތުރާފައިއެވެ.
"އެއަރޓިކަލް ޖެހުމުގެ އެއްދުވަސް ކުރިން އެބޭފުޅުން އަޅުގަނޑަށް ގުޅި. އަޅުގަނޑު ބުނިން އޭގެ ތަފްސީލު ހޯދާފައި މާދަމާ މަޢުލޫމާތު ދޭނެކަމަށް. އެހެން ނަމަވެސް އެދުވަހު އެބޭފުޅުން ނުގުޅާ. ދެން އާޓިކަލް ޖެހި ދުވަހު އަޅުގަނޑު ބައްދަލުވުމެއްގައި އިންދާ ގުޅީ، އެވަގުތު އަޅުގަނޑަށް ފޯނު ނެގޭގޮތްނުވި. އެބައްދަލުވުން ނިންމާފައި ނިކުތްއިރު އެއާޓިކަލް އިނީ ޖަހާފައި. އަޅުގަނޑުގެ ބޮޑު ފޮޓޯއެއް ޖަހާފައި. މިއީ އަޅުގަނދުމެން އެކަމުގައި އުޅުނު ދެވަޒީރުންގެ އަބުރު ކަތިލުމަށްޓަކާ ކުރިކަމެއްގެ ގޮތުގައި އަޅުގަނޑަށް ޤަބޫލުކުރެވުނީ. އެހެންވީމަ އެމައްސަލަ ބަލާ ތަހްޤީޤުކުރުމަށް ކަމާގުޅޭ މުއައްސަސާއަށް މިހާރުވާނީ ހުށައަޅާފައި" މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.
މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ ބޭންކުގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އާންމުކޮށް އިއުލާންކޮށްފައިވަނިކޮށް އެ ފައިސާތައް ވީތަނެއް ނޭނގުނު ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ