ޤާނޫނީގޮތުން އުފެދިފައިވާ ދިވެހިރާއްޖޭގެ ސަރުކާރެއް މީގެކުރިން އެއްވެސް އިރެއްގައި ވައްޓާލެވިފައި ނުވާކަމަށާއި، ނަމަވެސް މަގުމަތިން ސަރުކާރު ވައްޓާލުމަކީ ރައްޔިތުންގެ ހައްޤެއްކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ވަގުތު"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މި ސަރުކާރު މަގުމަތިން ވައްޓާލަން ތާއީދު ކުރައްވަންތޯ އެއްސެވުމުން އުމަރު ނަސީރު ވިދާޅުވީ، އެއްވެސް އިރެއްގައި ދިވެހި ސަރުކާރު ވައްޓާލެވިފައި ނުވާ ކަމަށާއި، ވެރިކަމުގައި ތިބޭ ބޭފުޅުން އިސްތިއުފާ ދެއްވަނީ ކަމަށާއި، ނަމަވެސް މަގުމަތިން ސަރުކާރު ވައްޓާލުމަކީ ރައްޔިތުންގެ ހައްޤެއްކަމަށެވެ.
"ސަރުކާރެއް އެއްވެސް އިރެއްގައި ވައްޓައެއް ނުލެވޭ އިނގޭތޯ. ވެރިކަމުގައި ތިބޭ ބޭފުޅުން އިސްތިއުފާ ދީފައި ދަނިއްޔޭ އިނގޭތޯ،" އުމަރު ނަސީރު ވިދާޅުވިއެވެ.
ސަރުކާރު މަގުމަތިން ވައްޓާލުމަކީ ރައްޔިތުންގެ ހައްޤެއް ކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ، "މަގުމަތިން ސަރުކާރު ވައްޓާލާ ހިސާބަށް އައީމާ، މަގުމަތިން ސަރުކާރު ވައްޓާލަންވެސް ވާނެ. އެއީ ރައްޔިތުންނަށް ލިބިގެންވާ ހައްޤެއް،" ކަމަށެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު ޤައުމުގައި އިއުލާނުކޮށް ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރި ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށުގައިވާ މި ދަނޑިވަޅިގައި އުމަރު ވިދާޅުވީ، ހައްޔަރު ކޮށްފައިތިބި މީހުން ދޫކޮށްލަން ނުވަތަ ރައީސް ޔާމީން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޔާމީން މިހާރު އިސްތިއުފާ ދެއްވަން ވެއްޖެ، ނޫނީ ހައްޔަރު ކޮށްފައި ތިބި މީހުން ދޫކޮށްލަން ވެއްޖެ. އެތަނުން ކޮންމެސް އެއްކަމެއް ކުރައްވަން އެބަޖެހޭ،" އުމަރު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ޖަލަށް ލާފައިވާ ފަރާތްތައް ދޫކޮށްލައްވަން ނޫވަތަ އިސްތިއުފާ ދެއްވަން ކަމަށް ވިދާޅުވެ އުމަރު އިތުރަށް ވިދާޅުވީ، "ޖަލުތައް ފުރިފައި ނޫންތޯ! މިއީ 1940 ގެ އަހަރުތަކެއް ނޫން. އެހާ ގިނަ މީހުން ޖަލަށް ލައިގެން ވެރިކަމެއް ނުކުރެވޭނެ،" ކަމަށެވެ.
ގައުމުގެ އުއްތަމަ ފަނޑިޔާރުގެ އިތުރުން އެތައް ބަޔަކު ޖަލަށް ލައިގެން ކުރާ ވެރިކަމެއް ދިގު މުއްދަތަކަށް ދެމިގެން ނުދާނެ ކަމަށާއި، އެއީ މުޅި ދުނިޔެ ތަޖުރިބާ ކޮށްފައިވާ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ވެރިކަމުގެ އިތުރު ދައުރެއް ރައީސް ޔާމީން ބޭނުންފުޅުނަމަ ސިޔާސީ ފަރާތްތަށް ބަލިކުރާނީ ޖަލުގައި ނޫން ކަމަށާއި، ސިޔާސީ ފަރާތްތައް ބަލިކުރަންޖެހޭނީ "ޕޮލިޓިކްސް" ގައި ކަމަށެވެ.
މަގުމަތިން ސަރުކާރު ވައްޓާލުމަކީ ރައްޔިތުންގެ ހައްޤެއް – އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ