ބައިސިކަލް ބައްތި ނުޖަހައިގެން މައުމޫން މަ ހައްޔަރުކުރި ވާހަކަ ދަރިންނަށް ކިޔައިދޭނަން!

ކުށެއް ކޮށްފިނަމަ އެކުށަކަށް ކަނޑައެޅިފައިވާ އަދަބު ދޭން ޖެހޭނެއެވެ. އެހެން ނަމަވެސް އެކުށަކަށް އެކަށީގެން ނުވާ އަދަބު ދޭކަށް ނުޖެހޭނެއެވެ. މިއީ އޭރު ވެސް އަދި މިހާރު ވެސް އަހަރެން ގަބޫލުކުރާ ގޮތެވެ.ކިޔައިދޭން މިއުޅެނީ އަހަރެންގެ އުމުރުން 23 އަހަރުގައި ދިމާވި ހާދިސާއެއްގެ ވާހަކައެވެ. އެއީ 1990 ވަނަ އަހަރުގެ ކުރީ ކޮޅެވެ. އޭރު މާލޭގައި ސައިކަލު އެހާ ގިނައެއް ނޫނެވެ. އެންމެން ވެސް ދުއްވާ އުޅުނީ ސައިކަލެވެ. އެކުވެރިންނާއި އެކު ބައިސްކަލުގައި ނިކުމެ އުޅެނިކޮށް އެކެއްގެ ބައިސްކަލުގެ ޗޭނު ތާށިވެގެން އިރުއޮއްސުނު އިރު ވެސް އުޅެން ޖެހުނީ އެކަމުގައެވެ. އެ ސަކަރާތަކުން ސަލާމަތްވެގެން ގެއާއި ދިމާލަށް 4 މީހުން ނައްޓާލި އިރު 6:04 ވީއެވެ. ސީދާ ގަޑި ބުނަން މިއެނގުނީ އެދުވަހު ދިމާވި ހާދިސާ އަކީ މިއަދާއި ހަމައަށް ވެސް ހަނދާނުން ފޮހެނުލެވޭނެ ފަދަ ހާދިސާއަކަށް ވީމައެވެ. ބައިސްކަލުގައި ދަނިކޮށް ޗާނދަނީމަގުން އެންއެސްއެސްގެ ބަޔަކު އައިސް އަހަރުމެން ހުއްޓުވައިފިއެވެ. އެމީހުން ހުއްޓާލުމަށް އެންގުމުން އަހަރެން ވެސް ތެޅިގެން ބައިސްކަލު ހުއްޓަން އުޅެނިކޮށް ގޮސް މަގުގެ އަނެއް ފަރާތުގައި ހުރި އެހެން ބައިސްކަލެއްގައި ޖެހުނެވެ. އެ ބައިސްކަލުގެ ވެރިމީހާ ގާތު މައާފަށް އެދެމޭ ބުނުމުން އޭނާ މައާފު ވެސް ކުރިއެވެ.އެހެން ނަމަވެސް ނުލިބުނީ އެތަނުގައި ތިބި އެންއެސްއެސްގެ މީހުންގެ މައާފެވެ. އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑުއެހުމެއް ނެތި 15 ވަރަކަށް މިނިޓަށް އެމީހުން އަހަރެންގެ “ޝަރީޢަތް” ކުރިއަށް ގެންދިއުމަށް ފަހު ގޮވައިގެން ގެންގޮސް ބަންދު ކުރީއެވެ. ބަންދުން ދޫކޮށްލީ އޭގެ 2 މަސް ދުވަސް ފަހުންނެވެ. މިއީ، މައުމޫނުގެ ވެރިކަމުގައި މަށަށް ނުހައްގުން ދިން އަނިޔާއެވެ. ބައިސްކަލުގައި ބައްތި ނުޖަހައި ދުއްވައިގެން ޖަލަށް ގަޅާލީއެވެ. މިއަދު ނަޝީދު ބުންޏަސް އަހަރުމެން މައުމޫނަށް މައާފު ކުރާކަށް ނެތީމެވެ. މައުމޫންގެ ދަރިއަކު މިއަދު ހުރަގޭގައި ބަންދުކުރުމުން އަހަރުމެން ނިކުމެ ހަނާވެގެން އޭނާ މިނިވަން ކުރަން ދުވަން ޖެހެނީ ކީއްވެ ހެއްޔެވެ؟ ބައސްކަލުގައި ބައްތި ނުޖަހައި ދުއްވުމުން އަހަރެންގެ ޒުވާން އުމުރުގައި 2 މަސް ދުވަހު ބަންދުކޮށް އަނިޔާކުރި އިރު ފާރިސް މައުމޫން ހުރީ ގަނޑުވަރުގެ މީރު ކެއުން ކައިގެން ޕޫލުން ފެންވަރައިގެން ހިނިތުން ވެފައެވެ.އަހަރެންގެ އިތުރުން މައުމޫންގެ ވެރިކަމުގައި މިފަދަ އަނިޔާ ލިބުނު އެއްވެސް މީހަކު މައުމޫންގެ ދަރި ސަލާމަތް ކުރަން ހަނާވާކަށް ނުދާނެއެވެ.
 
ނޯޓު : މިއީ އެމްޑީޕީ މެމްބަރަކު އަޅުގަނޑުމެންނަށް ފޮނުވި ލިޔުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ