ފަސް ޓީމަކާއެކު 11 އަހަރުން ދަށުގެ ސްކޫލް ލީގު ފަށައިފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސްކޫލް ލީގު 2013ގެ 11 އަހަރުން ދަށުގެ ޢުމުރުފުރައިގެ ކްރިކެޓް މުބާރާތް ޖުމުލަ ފަސްޓީމަކާއެކު މިއަދު ފަށައިފި އެވެ.
އެސްޓީއޯއިން ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރި ވެފައި ވަނީ އިސްކަންދަރު ސްކޫލްގެ އޭ ޓީމާއި ބީ ޓީމު، މުޙިއްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި ކްރިކެޓް ބޯޑުގެ ޔޫތު ޑިވެލޮޕްމަންޓް ޓީމެވެ.
މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތް ކުރިއަށް ގެންދާނީ ޕެއާ ކްރިކެޓް އުސޫލުންނެވެ. އެގޮތުން ޓީމުގެ ކޮންމެ ކުޅުންތެރިއަކުވެސް ބެޓްކޮށް އަދި އުކަން ޖެހޭނެއެވެ. އަދި ކޮންމެ ޕެއާއަކަށް ކުޅެން ލިބޭނީ ދެ އޯވަރެވެ.
ސްކޫލް ލީގުގައި މިއަދު ތިން މެޗު ކުޅުނު އިރު ފުރަތަމަ މެޗުގައި ވާދަކުރީ، އިސްކަންދަރު އޭ ޓީމާއި ތާޖުއްދީން ސްކޫލެވެ. އެ މެޗު 25 ލަނޑުން ކާމިޔާބު ކުރީ ތާޖުއްދީން އެވެ. ދެވަނަ މެޗު އިސްކަންދަރު ބީ ޓީމާއި ވާދަކޮށް 51 ލަނޑުން ކާމިޔާބު ކުރީ މުޙިއްދީން ސްކޫލްގެ ޓީމެވެ. އަދި ތިންވަނަ މެޗު ތާޖުއްދީން ސްކޫލާ ވާދަކޮށް 9 ލަނޑުން މެޗު ކާމިޔާބު ކުރި ކްރިކެޓް ބޯޑުގެ ޔޫތު ޑިވެލޮޕްމަންޓް ޓީމެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުރިއަށް ގެންދާ އެ މުބާރާތުގެ ކުޅުން މާދަމާވެސް ކުރިއަށް ގެންދާނެއެވެ. ހެނދުނު 7:00ގައި ފަށާ މެޗުގައި ވާދަކުރާނީ ކުރި ކްރިކެޓް ބޯޑުގެ ޔޫތު ޑިވެލޮޕްމަންޓް ޓީމާއި އިސްކަންދަރު ސްކޫލްގެ ބީ ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ