ސިޒްލިންގ ޗޮކްލެޓް ބްރައުނީ – މުނިއަވަސް ރަހަފަތް

ޗޮކްލެޓް ބްރައުނީ އޭ ބުނުމުން ކުޅުދިޔާވޭދޯ އެވެ. ޗޮކްލެޓް ބްރައުނީގެ މައްޗަށް މީރުމީރު އައިސްކްރީމް ކޮޅެއް އަޅައި، ހޫނުކޮށްފައިވަ ހޮޓް ޗޮކްލެޓް އަޅައިގެން އަދި ކިހާ މީރުވާނެ ހެއްޔެވެ. މުނިއަވަސް ރަހަފަތުގައި މިއަދު މިގެނެސްދޭ ސިޒްލިންގ ޗޮކްލެޓް ބްރައުނީ އަކީ އެފަދަ މީރު ކެއުމެކެވެ. ތައްޔާރުކޮށްލަން ނިކަން ފަސޭހަ ރަހަފަތެކެވެ. އަޅެ ޓްރައިކޮށްލަމާ ހިނގާށެވެ.
ބޭނުންވާނެ ތަކެތި:
– 2 ކުކުޅުބިސް
– ¾ ޖޯޑު ކާސްޓަރ ހަކުރު
– 100 ގްރާމް ބަޓަރު
– 1 ސައިސަމުސާ ވެނީލާ އެސެންސް
– 1/3  ޖޯޑު ކޮކޯ ޕައުޑަރ
– ½ ގޮދަން ފުށް
– ޗޮކްލެޓް ސިރަޕް
– 30 ގްރާމް ކުކިންގ ޗޮކްލެޓް
– 5 މޭޒުމަތީ ސަމުސާ ކިރު
– 3 މޭޒުމަތީ ސަމުސާ ކްރީމް
– އައިސްކްރީމް ސްކޫޕެއް
ބްރައުނީ ތައްޔާރުކުރާނެ ގޮތް:
1- ބޯތަށްޓެއްގެ ތެރެއަށް ބިސް، ކާސްޓަރ ހަކުރު އެޅުމަށްފަހު 2-3 މިނެޓް ވާންދެން ރަނގަޅަށް ގަށާށެވެ.
2- ބަޓަރުކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްވަންދެން ގަށާށެވެ.
3- ވެނީލާ އެސެންސް، ކޮކޯ ޕައުޑަރ އެޅުމަށްފަހު އަނެއްކާވެސް ރަނގަޅަށް ގަށާށެވެ.
4- ގޮދަންފުށް އަޅައި ސަމުސަލަކުން ރަނގަޅަށް އެއްކުރާށެވެ.
5- ބޭކިންގ ޓްރޭއެއްގެ ތެރޭގައި ބަޓަރ ޕޭޕާރ އެޅުމަށްފަހު ތައްޔާރުކޮށްފައިވާ ފުށްގަނޑު އަޅާލައި ރަނގަޅަށް ފަތުރާލާށެވެ. 2-3 މިނެޓް ވާންދެން ބޭކިން ޓްރޭ ބަހައްޓާށެވެ.
6- 170 ޑިގްރީ ހޫނުމިނުގައި ހޫނުކޮށްފައިވާ އަވަނަށް ބޭކިންގ ޓްރޭލައިގެން 20-25 މިނެޓް ވާންދެން ފިހާށެވެ.
7- ޓޫތު ޕިކް ނުވަތަ އިލޮށިކޮޅެއް ބްރައުނީގެ ތެރެއަށް ކޮށްޕައިގެން ރަނގަޅަށް ފިހެވުނުކަން ކަށަވަރުކުރާށެވެ.
8- ފިހެވުމުން ހިހޫކުރަން ބަހައްޓާށެވެ. ހިހޫވުމުން ފޮތިފޮއްޗަށް ކަފާލާށެވެ.
ސިރަޕް ތައްޔާރުކުރާނެ ގޮތް:
1- ތަވައެއްގެ ތެރެއަށް ކުކިންގ ޗޮކްލެޓް، މިލްކު އެޅުމަށްފަހު ރަނގަޅަށް ގަށަމުން ކައްކާށެވެ.
2- ސިޒްލިންގ ޕޭން 3-4 މިނެޓް ހޫނުކޮށްލާށެވެ.
3- ހޫނުކޮށް ހުރި ސިޒްލިންގ ޕޭންގެ ތެރޭގައި ބްރައުނީ ފޮތިތައް އަތުރާލާށެވެ. ފޮތިތަކުގެ މައްޗަށް އައިސްކްރީމް އެޅުމަށްފަހު، ތައްޔާރުކޮށްފައިވާ ޗޮކްލެޓް ސިރަޕް އަޅައިގެން ސިޒްލިންގ ޗޮކްލެޓް ބްރައުނީ އަށް އިންސާފުކޮށްލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ