ގާޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ފްލޮޓިލާ އިސްރާއީލުގެ ސިފައިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހިފަހައްޓައި، އޭގައި ތިބި މީހުން ރަހީނުކުރުމާ ގުޅިގެން، އޭގެ ތެރެއިން މަދުވެގެން 87 މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.
މި ހަރަކާތް އިންތިޒާމުކުރި ”ގްލޯބަލް ސުމޫދު ފްލޮޓިލާ“ އިން ބުނި ގޮތުގައި، މި މީހުން ހަޅުތާލު ފެށީ އިސްރާއީލުން އެމީހުން ޣައިރު ގާނޫނީ ގޮތެއްގައި ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލުމަށާއި، އިސްރާއީލުގެ ޖަލުތަކުގައި ރަހީނުކޮށްފައި ތިބި 9،500 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންނާ ބައިވެރިވުން ހާމަކުރުމުގެ ގޮތުންނެވެ.
މިދިޔަ ހަފުތާގައި ތުރުކީގެ މާމަރިސް ބަނދަރުން ގާޒާގެ ބްލޮކޭޑް ނައްތާލުމަށް 50 އަށްވުރެ ގިނަ އުޅަނދާއެކު ފެށި މި ދަތުރުގައި، އެންމެ ފަހުން ބާކީ އޮތް ”ލީނާ އަލް-ނަބުލްސީ“ ނަމަކަށް ކިޔާ ބޯޓު އިސްރާއީލުން ހިފެހެއްޓީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އިސްރާއީލުގެ ފޮރިން މިިނިސްޓްރީން ބުނެފައިވާ ގޮތުގައި، ފްލޮޓިލާގައި ހިމެނޭ 430 އެކްޓިވިސްޓުން މިހާރު ވަނީ އިސްރާއީލުގެ ބޯޓުފަހަރަށް ބަދަލުކޮށް، އެ ގައުމަށް ގެންދިއުމުގެ މަގުމަތީގައެވެ.
ސައިޕްރަސް ކައިރިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން މި އުޅަނދުތަކަށް އިސްރާއީލު ސިފައިން އަރައިގަތީ ވަރަށް އަނިޔާވެރިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ރަބަރު ވަޒަން ބޭނުންކުރުމާއި، ބޯޓުތަކަށް ރޭޑު އެޅުން ހިމެނެއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އިންޑޮނޭޝިއާގެ ނުވަ މީހަކާއި، އަޔަލޭންޑުގެ 15 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި އަޔަލޭންޑުގެ ރައީސް ކެތަރިން ކޮނޮލީގެ ކޮއްކޮ، ޑޮކްޓަރ މާގްރެޓް ކޮނޮލީ ވެސް ހިމެނެއެވެ.
އިސްރާއީލުގެ މި އަމަލު ދިވެހިރާއްޖޭގެ އިތުރުން ތުރުކީ، ސްޕެއިން، އުރުދުން، ޕާކިސްތާން، ބަންގްލަދޭޝް، ބްރެޒިލް، ކޮލަމްބިއާ އަދި ލީބިޔާ ފަދަ ގައުމުތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މި ގައުމުތަކުން ބުނެފައިވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ.
ނަމަވެސް، އެމެރިކާއިން ވަނީ މި ހަރަކާތުގައި އިސްކޮށް އުޅުނު ހަތަރު އެކްޓިވިސްޓަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެމެރިކާއިން އެއްވެސް ހެއްކެއް ނެތި ތުހުމަތުކުރާ ގޮތުގައި މި ހަރަކާތަކީ ހަމާސްއަށް ތާއީދުކުރުމަށް ހިންގާ ހަރަކާތެކެވެ. އިސްރާއީލުން ވެސް މި ހަރަކާތް ސިފަކޮށްފައިވަނީ ހަމައެކަނި ދުނިޔޭގެ ސަމާލުކަން ހޯދުމަށް ހިންގާ ”ޕީއާރް ސްޓަންޓެއް“ގެ ގޮތުގައެވެ.
އިސްރާއީލުން ހިފެހެއްޓި އެހީގެ ފްލޮޓިލާގެ ބައިވެރިން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ