އަބްދުﷲ ގާޒީއަށް ފިޔަވަޅު އެޅުން ފަސްކުރަން ނެރުނު އަމުރު ބަދަލުކުރާކަށް ނުޖެޙޭ: ހައިކޯޓް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲގާޒީ) އާ މެދު ފިޔަވަޅު އެޅުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމްކުރީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާ ގުޅިގެން އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރަން ޖޭއެސްސީ އިން ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.
އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް މިއަދު ހައި ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ. އަޒުމިރާލްދާ ޒާހިރު ވިދާޅުވީ ސިވިލްކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ޖޭއެސްސީ އަށް ދެއްކިފައި ނުވާ ކަމަށެވެ.
އަޒުމިރާލްދާ ވިދާޅުވީ އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލްކޯޓަށް ލިބިގެން ނުވާ ކަމަށް ޖޭއެސްސީ އިން ބުނި ނަމަވެސް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެން ނުވަނީ ކީއްވެގެން ކަމެއް ޖޭއެސްސީ އަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ޖޭއެސްސީ އިން އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކަށް ބަލައި އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅު އެޅުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރަށް ބަދަލުގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ