ސިޔާސަތަކީ ކޮންމެ މީހަކުވެސް ގާބިލް މީހަކަށް ހެދުން: ނައިބް ރައީސް

ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ދޫކޮށްނުލާ ކޮންމެ މީހަކީވެސް ގާބިލް މީހަކަށް ހެދުންކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ކޯޕަރޭޓް ސްކޯލާޝިޕް ސްކީމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބް ރައީސް ވިދާޅުވީ ގައުމެއް ކުރިއަރާދާނީ އެކި ދާއިރާތަކުން ގާބިލް ހުނަރުވެރި އުފެއްދުންތެރި ޖީލެއް އޮވެގެން ކަމަށެވެ. އެގޮތުން ކޮންމެ ގައުމަކުންވެސް އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް މަސައްކަތްކުރަނީ މިސަބަބަށްޓަކައި ކަމުގައިވެސް ވިދާޅުވި އެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ތަރައްގީގެ ގިނަގުނަ ކަންތައްތަކެއް ރާއްޖޭގައި ހިގަމުންދާއިރު ބޭރުމީހުންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްނުލައި ކަންކަން ރާވައި ހިންގަން މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ ހުނަރުވެރި، ފަސޭހައިން ކަންކަން ދަސްކުރާ ބައެއް ކަމަށެވެ. އެހެންކަމުން ސަރުކާރާއި އަދި އަމިއްލަ ކުންފުނިތަކުންވެސް ދިވެހިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ކަމަށްކަމޭހިތައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ވުމަށް ދިވެހި ޒުވާނުންގެ ކިބައި އެދިވަޑައިގަންވާ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަޒީފާގެ ވަގުތު ހެޔޮގޮތުގައި ބޭނުންކޮށް، މަސައްކަތަށް ކަމޭހިތައިގެން ހުނަރުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އިސްނަގައިގެން ތައާރަފުކުރި މި ސްކީމަކީ ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ކުންފުނިތަކުގެ ވަޒީފާތަކަށް ދާން ބޭނުންވާ ފަރާތްތަކަށް އެކިއެކި ދާއިރާތަކުން މަތީތައުލީމު ހާސިލްކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ލިބިދޭ ސްކީމެކެވެ. މި ސްކީމުގެ ދަށުން ކުންފުނިތަކަށް ބޭނުންވާ އެކިއެކި ދާއިރާތަކުން މަތީތައުލީމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން މެދުވެރިކޮށް ރާއްޖެއާ ރާއްޖެއިން ބޭރުން ފަހިކޮށްދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ