ރައީސް ޔާމީން ހުންނެވިނަމަ މިހާރު ރައްޔިތުން ތިބޭނީ ވެކްސިން ޖަހައިގެން: ޝުޖާއު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިނަމަ ދިވެހި ރައްޔިތުން މިހާރު ތިބޭނީ ކޮވިޑް-19 ވެކްސިން ޖަހައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝުޖާއު ވަނީ ޕެނަޑޯލް ގުޅައާއި ގަލަމަކީ ތަރައްގީއޭ ބުނީމައި ގަބޫލު ކުރަން އުނދަގޫވާކަމަށް ވިދާޅުވެފަ އެވެ. ޝުޖާއު ވިދާޅުވީ 4 ލައްކަ ރައްޔިތުންގެ މި ކުޑަ އާބާދީއަށް ހިލޭ މާސްކެއް ބަހާ ނުލެވުނު ކަމަށާއި ވެކްސިން ކޮޅުވެސް ހޯދައި ނުދެވުނު ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ރައީސް ޔާމީންގެ ވެރިކަން ނަމަ މިހާރު ރައްޔިތުން ތިބޭނީ ވެކްސިން ޖަހައިގެން ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން ވައްކަން ނުކޮށް ދިވެހިރާއްޖެއަށް މިހާރު ހުންނާނީ ވެންޓިލޭޓަރުތައްވެސް ހިލޭ ހޯދާފައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ވެކްސިން ދިނުމާއި ގުޅޭގޮތުން ޝުޖާއު ސަރުކާރަށް ފާޑު ވިދާޅުވި އިރު ސަރުކާރުން ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފެއްދި ކޮވިޑް ވެކްސިން ރާއްޖެ ގެނައުމަށް މެލޭޝިއާގެ ކުންފުންޏަކާއިއެކު އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެންމެ ފަހުން ސަރުކާރުން ބުނީ މި މަހުގެ 26 ގައި ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށެވެ.
ކޮވިޑް ވެކްސިން ދިނުމުގެ ރޭހުގައި ރާއްޖެ އުޅެނީ ތަންކޮޅެއް ފަހަތުގަ އެވެ. މިހާރު ގިނަ ގައުމުތަކެއްގައި ވެކްސިން ދިނުމުގެ ޕްރޮގުރާމުތައް ފަށާފައިވާއިރު އަވައްޓެރި އިންޑިއާގައިވެސް މިއަދު ވެކްސިން ދޭން ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ