ދަނޑުވެރިކަމާއިބެހޭ ޤާނޫނުތައް ތަންފީޒުކުރުން ލަސްކުރެވިދާނެ: އިންޑިއާ ސަރުކާރު

އިންޑިއާގެ ސަރުކާރުން އިޢުލާނުކޮށްފައިވާ ދަނޑުވެރިކަމާއިބެހޭ އައު 3 ޤާނޫނަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ޤައުމުގެ ސަރުކާރުން ހުށަހަޅައިފިއެވެ.
މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ތަޢާރަފުކޮށްފައިވާ ދަނޑުވެރިކަމާއިބެހޭ އައު ޤާނޫނުތަކުގެ ދަށުން އަމިއްލަ ވިޔަފާރިވެރިންނަށް ސީދާ ދަނޑުވެރިންނާއެކު މަސައްކަތްކުރުމަށް މަގުފަހިވެއެވެ. އެ ޤާނޫނުތަކާއިމެދު އިންޑިއާގެ ދަނޑުވެރިންވަނީ ވަރަށް ބޮޑަށް ނުރުހިފައެވެ. އެމީހުން ބުނަމުންދަނީ އައު ޤާނޫނުތަކުގެ ސަބަބުން އިންޑިއާގައި ޒަމާނުއްސުރެ ހިންގަމުންދާ ހޯލްސޭލް މާރުކޭޓުތަކުގެ ބޭނުން ކެނޑި، ބޮޑެތި ކުންފުނިތަކާއި ވިޔަފާރިތަކުގެ މައްޗަށް ދަނޑުވެރިން ބަރޯސާ ވާންޖެހޭނެކަމަށެވެ. އައު ޤާނޫނުތަކާއިމެދު ނުރުހުން ފާޅުކުރުމަށް އިންޑިޔާގެ ދަނޑުވެރިން ދަނީ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ވެރިކަންކުރާ ސިޓީ ނިއު ދިއްލީގެ މައި ހައިވޭތަކުގައި ތިބެ މުޒާހަރާކުރަމުންނެވެ.
އިންޑިޔާގެ ދަނޑުވެރިކަމާއިބެހޭ ވަޒީރު ނަރެންދްރާ ސިންހް ތޯމާރު ވިދާޅުވީ 18 މަސް ދުވަހަށް އައު ޤަނޫނުތައް ތަންފީޒުކުރުން ލަސްކުރުމަށް ސަރުކާރުން ތައްޔާރަށް ތިބިކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ މަންދޫބުންނާއި ދަނޑުވެރިން އެކުގައި މަސައްކަތްކޮށް ދަނޑުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.
އިންޑިޔާގެ ސަރުކާރުން ބުނީ ދަނޑުވެރިންގެ ޔޫނިއަނުން ޚާއްޞަ ކޮމިޓީއެއް އުފައްދައި، މައްސަލަތަކާމެދު މަޝްވަރާކޮށް އައު ޤަނޫނާއި މެދު ހުރި ހިތްހަމަނުޖެހުންތަކާއި ގުޅޭގޮތުން ވާހަކަދެއްކުމަށް އެއްބަސްވެއްޖެނަމަ އައު ޤަނޫނު ތަންފީޒުކުރުން ލަސްކުރެވިދާނެކަމަށެވެ.
ދަނޑުވެރިންގެ ޔޫނިއަނާއި ސަރުކާރާއިމެދު ކޮށްފައިވާ އެތައް މަޝްވަރާތަކުން ހެޔޮ ނަތީޖާއަކާއި ހަމައަށް މިހާތަނަށް ވާސިލްވެވިފައެއް ނުވެއެވެ. އޭގެ ސަބަބުން އިތުރު ދައުރަކަށް 2019 ވަނަ އަހަރު ހޮވިވަޑައިގެންފައިވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށްވަނީ މި ދައުރުގައި ދިމާވި އެންމެ އުނދަގޫ އެއް ޙާލަތާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.
ސަރުކާރާއި ދަނޑުވެރިންގެ ޔޫނިއަނާއި ދެމެދު މަޝްވަރާތައް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެ ޔޫނިއަންގެ އިސްވެރިޔާ، ދަރުމެންދުރާ މާލިކް ވިދާޅުވީ ސަރުކާރުގެ ހުށަހެޅުން ޤަބޫލުރުމަށް އެއްބަސްވާނަމަ ސަރުކާރަށް އެކަން އަންގައި މުޒާހަރާތައް ހުއްޓާލާނެކަމަށެވެ.
އިންޑިޔާގެ ދަނޑުވެރިންވަނީ އެ ޤައުމުގެ ސުޕްރީމު ކޯޓުން އައްޔަންކޮށްފައިވާ ޚާއްޞަ ކޮމިޓީއަކާއިއެކު މަޝްވަރާކޮށް ދަނޑުވެރިންގެ ކަންބޮޑުވުންތައް ޙިއްޞާކުރުމަށް ދެކޮޅު ހަދައިފައެވެ. އައު ޤާނޫނާއިމެދު ނުރުހުން ފާޅުކުރުމަށް ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ނިއު ދިއްލީގެ މަގުތަކުގައި ޓްރެކްޓަރު ދުއްވުމުގެ ޙަރަކާތެއް ބޭއްވުމަށް އިންޑިޔާގެ ދަނޑުވެރިން ދަނީ ތައްޔާރުވަމުންނެވެ. އެ ޙަރަކާތް ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ސުޕްރީމު ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުން ކޯޓުން އެ ޕެޓިޝަން ބަލައިގަނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ