އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ހިންގަމުންދާ ފްލައިންގ ސްކޫލްގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ އެތައް ގެއްލެމުއް ދަމުންދާތީ އެކަންތައްތަކަށް ހައްލެއް ހޯއްދަވައިދެއްވުން އެދި އިދިކޮޅުން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. ޝަރީފް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފަވާ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން، 2 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭ ކޯހެއް ދިގުލައިގެން ގޮސް 4 އަހަރު ދުވަސްވެސް ހޭދަކުރަންޖެހޭތަން ވެސް ފެނިފައިވާ ކަމަށެވެ. ކޯސް ފުރިހަމަ ކުރަންޖެހޭ މިންވަރަށް ކިޔަވައި ނުދިނުމާއި ތަމްރީންތައް ފޯރުކޮށް ނުދެވުމުން ކުދިންނަށް އެތައް މާލީ ގެއްލުމެއް ލިބެމުންދާކަން ފާހަގަކޮށްފައިވެއެވެ.
އަދި، ބައެއް ދަރިވަރުންނަށް އެ އެކެޑަމީއިން ކޯސް ފުރިހަމަ ކުރުމުގެ އުންމީދު ގެއްލިފައިވާކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން، މަގުބޫލު އުޒުރެއްނެތި ކުދިން ވަކި ކުރަމުންދާތީ ކަންބޮޑުވުންވެސް ފާޅުކޮށްފައިވެއެވެ. އޭ.އޭ.އޭއިން ވަނީ އެއްވެސް މަގުބޫލު އުޒުރެއްނެތި ދާދިފަހުންވެސް 15 ކުދިން ވަކިކޮށްފައެވެ. މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ނުރުހުންވެސް ފާޅުކޮށްފައިވެއެވެ.
ޝަރީފް މިއަދު ހުށަހެޅުއްވި ސިޓީގައި ވަނީ އޭ.އޭ.އޭގެ ދަރިވަރުންގެ ހައްގުތައް ނުގެއްލޭނެފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސަން ތިބި ފަރާތްތައް ޒިންމާދާރުކުރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަންޖެހޭކަން ފާހަގަކޮށްފައެވެ.
އޭ.އޭ.އޭގެ ގިނަ މައްސަލަތަކެއް ދަރިވަރުންދަނީ ސަރުކާރުގެ ސަމާލުކަމަށް ގެންނަމުންނެވެ. އެގޮތުން، ޑޮލަރުން ފީ ނެގުމުގެ މައްސަލަވެސް ހިމެނެއެވެ. މި މައްސަލަ ތަހުގީގުކުރުމަށް މިހާރުވަނީ ފުލުހުންނަށް ހުށަހެޅިފައެވެ.
އައްޑޫގައި ހިންގާ ފްލައިން ސްކޫލް މައްސަލައިގައި އިދިކޮޅުން މަޖިލީހަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ