13 އަހަރުން ދަށުގެ ސްކޫލް ފުޓްބޯޅަ ޗެމްޕިއަންކަން ގާޒީ ސްކޫލް ހޯދައިފި

ޕެނަލްޓީ ޖަހައިގެން 7-6 އިން ޅ. އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް ދިރާގު މަމެން 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގާޒީ ސްކޫލް ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. އަބްދުﷲ އަރީން މުހައްމަދުގެ ގޯލުން ޅ. އަތޮޅު ތައުލީމީ މަރުކަޒު ލީޑުނަގާފައިވަނިކޮށް ގާޒީ ސްކޫލުން ވަނީ ދެ ގޯލު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު އައިހަމް އިބްރާހިމް އާއި ޔޫސުފް އަބްސަމް އެވެ. ޅ. އަތޮޅު ތައުލީމީ މަރުކަޒަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ އަފްޒާން އިބްރާހިމް އެވެ. ޕެނަލްޓީ ޖަހައިގެން ގާޒީ ސްކޫލް ކުރިހޯދީ 5-4 އިންނެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ގާޒީ ސްކޫލްގެ ޔޫސުފް އަބްސަމް އެވެ. އޭނާ ވަނީ ހަ މެޗުން 12 ގޯލު ޖަހައިފަ އެެވެ. އެންމެ މޮޅު ގޯލްކީޕަރަކީ އެ ޓީމުގެ އާރިޒް ބިން ޝާހިދު އެވެ. ހަ މެޗު ކުޅުނުއިރު އޭނާ ކޮޅަށް ވަނީ ފަސް ގޯލެވެ. އެންމެ މޮޅު ކޯޗަކީ ހިރިޔާ ސްކޫލްގެ އަބްދުލް ހަމީދު މުހައްމަދު އެވެ.
މަމެން އިންޓަ ސްކޫލް 13 އަހަރުން ދަށުގެ ޗެމްޕިއަން ގާޒީ ސްކޫލް.
މަމެން އިންޓަ ސްކޫލް 13 އަހަރުން ދަށުގެ ޗެމްޕިއަން ގާޒީ ސްކޫލް.އެންމެ މޮޅު 10 ކުޅުންތެރިންނަށް ހޮވުނީ ގާޒީ ސްކޫލްގެ މުހައްމަދު އައިހަމް އާއި މުހައްމަދު އުނައިސް ބިން ނޫހް އާއި ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އަފްޒާން އިބްރާހިމް އާއި އަބްދުﷲ މިސާލް މުހައްމަދާއި ރެހެންދި ސްކޫލްގެ މުހައްމަދު އައިމަން އަލީ އާއި އަޔާން މުހައްމަދާއި އިސްކަންދަރު ސްކޫލްގެ ޔޫސުފް އައިޝް މުހައްމަދާއި ހަސަން ނާވީ އާއި ހިރިޔާ ސްކޫލްގެ ހުސެއިން ޖަނާހު އަދި ދަރުމަވަންތަ ސްކޫލްގެ އަބްދުﷲ ނަބާހު އަހުމަދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ