ސްކޫލް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް އިފްތިތާހުކޮށްފި

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓު ގުޅިގެން ކުރިއަށްގެންދާ ސްކޫލް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
އެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި އެކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.
އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިންނާއި ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ޓްރެފިކް މޮނީޓަސް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައި ވެއެވެ.
އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި، ޖުލައި 21 އިން 25 އަށް ހިރިޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލާ އަދި ދަރުމަވަންތަ ސްކޫލްގައި ކުރިއަށް ގެންދިޔަ ސްކޫލް ޓްރެފިކް މޮނީޓަސް ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައި ވެއެވެ.
ދެހާސް ސާދަ ވަނަ އަހަރު ފެށި ޓްރެފިކް މޮނިޓަސް ޕްރޮގްރާމަކީ ސްކޫލްތަކުގެ ދަރިވަރުން މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވައި، މުޖުތަމައުގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ޝައުގުވެރިކުރުވުމާއެކު ސްކޫލް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ކަންކަން ހައްލުކޮށް ބެލެހެއްޓުމުގައި، ޓްރެފިކު ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދީ މިފަދަ ކަންކަމަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް ފެށި ޕްރޮގްރާމެކެވެ.
މާލޭގެ ސްކޫލްތަކާއި އާބާދީ ބޮޑެތި އަދި ފުލުހުން އެރަށެއްގައި ގާއިމުވެ ތިބި ރަށްރަށުގެ ސުކޫލުތަކުގެ ގްރޭޑް ހަތެއް އަށެއް އަދި ނުވައެއް ގެ ދަރިވަރުންނަށް ކުރިއަށްގެންދާ ޓްރެފިކް މޮނިޓަސް ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުގައި ދަރިވަރުން ސަމާލުކަން ދޭން ޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދެއެވެ.
އޭގެ އިތުރުން ސްކޫލް ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމާއި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރި ވާއިރު އަމަލުތައް ބަހައްޓަންވީ ގޮތް ދަސްކޮށްދީ މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދެ އެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރަންވީ ގޮތްތައް ދަސްކޮށްދިނުމަށް ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންދެއެވެ.
ދެހާށް ސާދަ ވަނަ އަހަރުން ފެށިގެން ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގެ 27 ޕްރޮގްރާމެއް މިއަހަރުގެ މިހާތަނަށް ކުރިއަށް ގެންގޮސް އެ ޕްރޮގްރާމްތަކުން ޖުމްލަ 849 ދަރިވަރުން ތަމްރީނުކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ