ޖޭޕީގެ މިނިސްޓަރުން ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ގާސިމް އެދިވަޑައިގެންފި

ސަރުކާޒުގެ ވަޒީފާގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުން އެ ޕާޓީގެ މަޖިލިސް ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މެޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާޙިމް އެދިވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު މިގޮތަށް އެދިވަދައިގެންފައި މިވަނީ އެޕާޓީގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގައި ބައިވެރިވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ. ގާސިމް މިގޮތަށް އެދިވަޑައިގެންނެވީ މިއަދު އެޕާޓީގެ ކައުންސިލް މެމްބަރުންގެ "ވަޓްސްއެޕް" ގުރޫޕަށް ކުރެއްވި ދިގު މެސެޖްގައެވެ. އެ މެސެޖްތަކުގެ ސްކްރީންސޮޓްތައް "ސަން" އަށް ވަނީ ލިބިފައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ "ވަޓްސްއެޕް" ގުރޫޕަށް ފޮނުވި މެސެޖްގައި ވިދާޅުވީ، އެ ޕާޓީގެ މަޖިލިސް ކެންޑިޑޭޓުން ހޮވުމަށް ޕާޓީގެ މެމްބަރުންނާއި ޕާޓީގެ ފަރާތުން ސަރުކާރުގެ ވަޒީފާތައް ލިބުނު މީހުން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނަވާކަމަށެވެ. "އަޅުގަނޑު ވަރަށް ބޮޑަށް އެދެން ޖޭޕީ މީހުން ކުރިމަތިލާފައިވާ މަޖިލިސް ގޮނޑިތަކަށް އެބޭފުޅުން ހޮއްވޭތޯ ހުރިހާ ޖޭޕީގެ މެމްބަރުން ގަދަ އަޅާ މަސައްކަތް ކޮށްދެއްވުމަށް. އެއީ [ޖޭޕީގެ ފަރާތުން] ވަޒީފާގައި ތިއްބެވި އެންމެހާ ބޭފުޅުންވެސް ހިމެނޭ ގޮތަށް،" ގާސިމް ކައުންސިލް މެމްބަރުންނަށް ފޮނުވި މެސެޖުގައި ލިޔުއްވިއެވެ. ޖޭޕީގެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާއެއްގެ އެހެން ކެންޑިޑޭޓަކަށް ތާއީދުކޮށް އެއްވެސް މަސައްކަތެއް ނުކުރުމަށްވެސް ގާސިމް ކައުންސިލް މެމްބަރުންގެ އަރިހުން އެދިވަޑައިގެންވިއެވެ. ގާސިމް މިގޮތަށް ވިދާޅުވިއިރު އެ ޕާޓީއަށް ނިސްބަތްވާ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ލ. އަތޮޅަށް ވަޑައިގެން އެ އަތޮޅު ނިސްބަތްވާ ގަމު ދާއިރާއާއި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންފައެވެ. މި ދެ ދާއިރާ އަކީ ވެސް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ދެ ދާއިރާއެވެ. ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ވަޒީފާއެއްގައި ހުރި މީހަކަށް އެ މަގާމު ލިބިފައިވަނީ "ޖޭޕީގެ ބުރަކަށި މަތިން" ކަމަށެވެ. މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން އެ މާގާމުގައި ދެމިހުންނެވުމުގެ ބޭނުމުގައި އެޕާޓީން ވަކިވުމުގެ ކުރިން ފުރަތަމަ ކުރައްވަން ވީ ކަމަކީ އެ މަގާމަކުން އިސްތިއުފާ ދެއްވުން ނޫންތޯ ގާސިމް ސުވާލު އުފެއްދެވިއެވެ. "އެއީ ނޫންތޯ ފިރިހެން ކަމަކީ ނުވަތަ އަންހެން ކަމަކީ ނުވަތަ އިންސާނިއްޔަތު ކަމަކީ،" ގާސިމް އަނެއްކާވެސް ސުވާލު އުފެއްދެވިއެވެ. ޖުމްހޫރީ ޕާޓީން އިދިކޮޅު ފަރާތްތަކާއެކު މަޖިލިސް އިންތިހާބަށް ނިކުންނަވަން މަޖުބޫރުވީ އެމްޑީޕީން މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން "ވީ ވައުދު އުވާލައި، ހިޔާނާތްތެރިވެ މަކަރުވެރިވެ އަނިޔާވެރި" ވުމުން ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، އެމްޑީޕީން އެގޮތަށް އަމަލު ނުކުރެއްވި ނަމަ އެޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ 22 ދާއިރާއަށް ކަމަށެވެ. ލީކްވި ސިކްރީން ޝޮޓްތަކަކީ ސައްހަ ސްކްރީން ޝޮޓްތަކެއްކަން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ގާސިމްގެ މެސެޖާއި އަލީ ވަހީދުގެ ޖަވާބުގެ ސްކްރީންޝޮޓް -- ގާސިމް މިއަދު އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ އަރިހުން ޖޭޕީގެ ކެންޑީޑޭޓުންނަށް ތާއީދު ކުރުމަށް އެދިވަޑައިގެންފައިވާއިރު، އެ ޕާޓީން މީގެ ކުރިން ތާއީދު ކުރި އިދިކޮޅު 32 ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށް އެދިވަޑައިގެންފައެއް ނުވެއެވެ. އަދި އެކަން އަލީ ސޯލިހްވެސް ކަށަވަރުކޮށްދިނެވެ. ގާސިމް މިދިޔަ ހަފްތާގައި ވަނީ އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނެރުއްވާ 32 ކެންޑިޑޭތަކަށް ތާއީދު ކުރެއްވުމަށް ނިންމަވާފައެވެ. އެ ނިންމުމާ ޖުމްހޫރީ ޕާޓީގެ ބައެއް އިސްފަރާތްތަކުން ދަނީ އެނިންމުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ގާސިމްގެ އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އަލީވެސް ވަނީ ގާސިމްގެ އެ ނިންމުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އޭގެ އިތުރުން އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެ ޕާޓީގެ ނައިބު ލީޑަރު އަދި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހްމަދު ވެސް ވަނީ އެ ޕާޓީގެ ނިންމުމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ