ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމުން އޭޖީގެ މަރުޙަބާ ޖޭއެސްސީ އަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ސަސްޕެންޑު ކުރުމާއި ގުޅިގެން އެ ނިންމުމަށް އެޓާނީ ޖެނެރަލް އިބްރާޙީމް ރިފްއަތު މަރުޙަބާ ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީގައި ވެސް އިންނަވާ ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް އިދާރާއަކުން ތަޙްޤީޤުކުރާނަމަ 48 ގަޑިއިރުގެ ތެރޭގައި އެފަނޑިޔަކާއި މެދު ކޮމިޝަނުން ގޮތެއް ނިންމުމަކީ ލާޒިމުކަމެއް ކަމަށެވެ.
ތަޙުޒީބީ މުޖުތަމަޢުތަކުގައި ފަނޑިޔާރުގެ މައްސަލައެއް ބަލާނަމަ މަޤާމުން އަމިއްލައަށް ދުރުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ނިންމާފައި ވަނީ ރިޝްވަތުގެ ތުހުމަތަކާ ގުޅިގެން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފެށުމާ އެކު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖޭއެސްސީ އަށް ހުށަހެޅުއްވި އެ މައްސަލައަކީ ފަނޑިޔާރު ޢަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްގަފޫރު ނަމުގައި މެލޭޝިޔާގެ ބޭންކެއްގެ ހުޅުވާފައިވާ އެކައުންޓަކަށް، ފަނޑިޔާރު އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު 2015 ވަނަ އަހަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ