މައުމޫނު ކުރިމަތި ލައްވައިފި ނަމަ އެއްބުރުން ބަލިކުރާނަން: ނަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންފި ނަމަ އެއް ބުރުން އެމަނިކުފާނު ބަލިކުރައްވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
އެމްޑީޕީގެ ވައުދުގެ ދަތުރުގައި ރޭ ހދ. ކުޅުދުއްފުށީގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ނުކުމެ ތިބީ ރާއްޖެ ތަރައްގީ ކުރުމަށް ކަމަށާއި ކުރީގެ ރައީސް މައުމޫން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަނެއްކާ ވެސް ނިކުންނަވަން އުޅުއްވަން ވަނީ އެކަމަށް ހުރަސް އަޅުއްވަން ކަމަށެވެ.
"އަޅުގަނޑުމެންނަކީ މުސްކުޅިންނަށް ޕެންޝަންދިން ޕާޓީ. އަޅުގަނޑުމެންނަކީ އެކަނިވެރި މައިންނާ އަޅާލާ ޕާޓީ. އަޅުގަނޑުމެންނަކީ ދިވެހި ރައްޔިތުންނާ އަޅާލާ ޕާޓީ. އަޅުގަނޑުމެން ނިކުމެ މިތިބީ މިރާއްޖެ ތަރައްގީ ކުރަން. އަޅުގަނޑުމެންގެ އެ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ރައީސް މައުމޫން އަނެއްކާ ވެސް އެނބުރި އެބަ ވަޑައިގެންނަވާ. [އަޅުގަނޑު ދަންނަވާނީ އެ މަނިކުފާނު ނުކުންނަވައިފި ނަމަ] އެއްބުރުން އަޅުގަނޑުމެން އެމަނިކުފާނު ބަލިކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މައުމޫން އެނބުރި ވަޑައިގެންނެވުމަށް ނަޝީދު ގޮވާލައްވާފައި މިވަނީ ރައީސް ކަމަށް އަލުން ކުރިމަތިލެއްވުމާ މެދު ވިސްނެވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެކަމަށް އަދި ގޮތެއް ނުނިންމަވާ ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމު ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުންނެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވި ކަމަށް އެ ނޫހުން ބުނީ 30 އަހަރު ގައުމަށް ހިދުމަތް ކުރެއްވުނުކަން އިހުސާސްކުރެއްވޭ ކަމަށާއި ވެރިކަން ކުރުމަކީ މިހާރު އެހެން މީހުންނަށް އޮތް ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ރައީސް ކަމަށް ކުރިމަތިލައްވާ ނަމަ އެކަން ކުރައްވާނީ އަމިއްލަފުޅު އިހުތިޔާރުގައި ނޫން ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހިގެން ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.
"ކަންތައްތައް ދަނީ ވަރަށް އަވަސް އަވަހަށް ބަދަލުވަމުން، އެހެންވީމާ އަޅުގަނޑު މިހުންނަނީ ވަކި ގޮތެއް ނުނިންމައި [ގޮތެއް ނިންމުމުގެ ދޮރު ހުޅުވާލައިގެން]" މައުމޫނު ވިދާޅުވި ކަމަށް ދަ ހިންދޫގައިވެ އެވެ.
އެމްޑީޕީގެ ރޭގެ ރެލީގައި ރައީސް ނަޝީދު ވަނީ ކޯޓުތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ވެެރިކަމެއް މިރާއްޖެ އަށް ހޯދައިދިނުމަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަން ބަދަލުކޮށްލުމަށް އިންގިލާބެއް ގެންނެވުމަށް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ