އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުމަށް އުނި ކަމެއް އަންނަ ކަމެއް ކޮށްގެން ނުވާނެ - މައުމޫން

އެކަކު އަނެއްކަކާ އޮންނަ ގުޅުމަށް އުނި ކަމެއް އަންނަފަދަ ކަމެއް ހާއްސަކޮށް މި ރަމަޟާން މަހު ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި މައުމޫން ފައުންޑޭޝަންގެ ޗެއާމަން މައުމޫން އަބުދުއް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހު މައުމޫން ފައުންޑޭޝަނުން ބާއްވާ އިހުޔާ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ދޭދޭ ގުޅުމަށް އުނި ކަމެއް އަންނަ ފަދަ ކަމެއް ނުވަތަ ބަހެއްވެސް ބުނެގެން ނުވާނެ ކަމަށާއި އެކަކު އަނެކަކާ އޮންނަ ގުޅުން ބަދަހިކުރުމަކީ ރަމަޟާން މަހުގެ ތެރޭގައި ކުރެވޭނެ ވަރަށް ބޮޑު ހެޔޮ ކަމެއް ކަމަށެވެ.
"މި ރަމަޟާން މަހު އެންމެ މުހިންމު އެއް ކަމަކީ އެކަކު އަނެކަކަށް އޮންނަ އިހުސާންތެރިކަން، ކަމޭހިތުން އިތުރުވެގެން ދިއުން، އެއްބަނޑު އެއްބަފާކަން އިތުރުވެގެން ދިއުން،" މައުމޫން ވިދާޅުވިއެވެ.
ރަމަޟާން މަހަކީ އުހުއްވަތްތެރިކަމުގެ މަސްވަރު ކަމަށާއި މި މަހުގައި މުސްލިމުން އަޚުންތަކެއްގެ ގޮތުގައި އުޅުމަށް އިސްކަމެއްދޭންޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"މި މަހަކީ ކެތްތެރިކަމުގެ މަސް، އަޅުގަނޑުމެން އެކަކު އަނެއްކާ ދެމެދު ކަމެއް ދިމާވީމާ ހިތްހަމަ ނުޖެހިގެން އެއްޗެހި ކިޔުމަކީ އެއް ގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން، އެއީ ބަރަކާތް ކެނޑިގެންދާނެ ކަމެއް،" މައުމޫން ވިދާޅުވިއެވެ.
މީހުންނާ ޒުވާބުކޮށް އެހެން މީހުންނަށް ބަދު ބަސް ބުނުމުން ދުރުހެލިވުމަށް ރައީސް މައުމޫން ރޭ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
"މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން މި މަހުގެ ރޯދަ ހިފާ، އިތުރު ހެޔޮ ކަންތައްތައް ކޮށްފިނަމަ ޝައްކެއްނެތި މި މަހުގެ ބަރަކާތާއި ޘަވާބާއި ރަހުމަތް މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނެ،" މައުމޫން ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން ވަނީ ކީރިތި ޤުރުއާންގައި ވާހަކަތަކަށް އަލި އަޅުވާލައްވައި ރަމަޟާން މަހުގެ ޤުރުއާން ކިޔެވުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވާފައެވެ. އަދި ވީހާވެސް ގިނައިން ޤުރުއާން ކިޔެވުމަށް އެމަނިކުފާނު ނަސޭހަތްތެރިވިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ