ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ސިންގަޕޫރަށް ވަޑައިގެން، ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރު، ލީ ކުއަން ޔޫއަށް އެންމެފަހުގެ އިޙްތިރާމް އަދާކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ކުރީގެ ބޮޑުވަޒީރު ލީ ކުއަން ޔޫގެ ހަށިކޮޅު ބާއްވާފައިވާ ޕާލަމަންޓް ހައުސްއަށް ރައީސް މައުމޫން ވަޑައިގެން، ބޮޑުވަޒީރު ލީ ކުއަން ޔޫ އަވަހާރަވުމާ ގުޅިގެން ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ސޮއިކުރެއްވި ކަމަށެވެ.
"ތަޢުޒިޔާގެ ދަފްތަރުގައި އެމަނިކުފާނު ލިޔުއްވި ބަޔާނުގައި ސިންގަޕޫރުގެ ސަރުކާރަށާއި، ބޮޑުވަޒީރު ލީ ކުއަން ޔޫގެ ޢާއިލާއަށާއި، ސިންގަޕޫރުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. މީގެއިތުރަށް، ބޮޑުވަޒީރު ލީ ކުއަން ޔޫއަކީ، ސިންގަޕޫރަށް ޒަމާނީ ތަރައްޤީ ގެންނެވުމުގެ ވަރުގަދަ ޢަޒުމުގައި މަސައްކަތްކުރެއްވި، އަދި އެމަސައްކަތް ވަރަށް ފުރިހަމައަށް ކާމިޔާބު ކުރެއްވި ބޭފުޅެއްކަމުގައި ލިޔުއްވާފައިވެއެވެ" ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ނޮން-ރެސިޑެންޓް ސަފީރު ފާޠިމަތު ޢިނާޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރަށް، މައުމޫން އެންމެފަހުގެ އިހުތިރާމް އަދާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ