ސިއްހީ ދާއިރާ އަށް ބޭނުންވާ ތަކެތި ހޯދުމާއި ގަތުމުގެ ކަންތައް ހަރުދަނާ ކުރުމަށް އުފައްދާފައިވާ ސެންޓްރަލް ޕްރޮކިއުމަންޓް ޔުނިޓްގެ ސަބަބުން، ކޮންމެހެން ހޯދަންޖެހޭ ބޭސް ފަދަ ތަކެތީގެ އަގު 30 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށް ހެލްތު މިިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ ޕްރޮކިއުމަންޓް އަދި ސަޕްލައި ޗެއިން ހުރި ގޮތް ބެލުމަށް ދާދި ފަހުން، އދ.ގެ ޕްރޮޖެކްޓްސް ސާވިސަސް (ޔުނޮޕްސް) އާއި ޑަބްލިއުއެޗްއޯ އިން ވަނީ ދިރާސާއެއް ވެސް ކޮށްފަ އެވެ. މި ދިރާސާ އިން އެނގުނު ގޮތުގައި މިހާރު ހޯދަމުންދާ ތަކެތީގެ އަގު ބޮޑުވެ އިސްރާފް އިންތިހާ އަށް އިތުރުވުމާއި ތަކެތި ނުހޯދި ހިދުމަތްތައް ތަކުރާރުކޮށް ވަނީ މެދުކެނޑިފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ގާއިމުކުރި މި ޔުނިޓުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ތަކެތީގެ އަގު 40 ޕަސެންޓަށް ވުރެ ބޮޑަށް ހެޔޮ ވެގެންދާނެ ކަމަށެވެ.
ޕްރޮކިއުމަންޓް ޔުނިޓެއް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ބޭހާއި ބޭސް ފަރުވާއަށް ބޭނުންވާ ތަކެތި ގަނެ ސަޕްލައިކުރުމުގެ ހުރިހާ މަރުހަލާއެއް ރާވާ ހިންގުމަށް ދިވެހިން ތަމްރީނުކުރާނެ އެވެ. އަދި ބައިނަލްއަގްވާމީ ގޮތުން އެންމެ ރަނގަޅު އުސޫލުތައް ތައާރަފްކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެތަނުން ބުނި ގޮތުގައި ޔުނޮޕްސްއާ ގުޅިގެން މި މަޝްރޫއު އެކުލަވާލާފައިވަނީ ރައީސް އޮފީހާއި ކެބިނެޓާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެޓާނީ ޖެނެރަލް އަދި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު، މާލީ ގާނޫނުތަކާއި ގަވައިދުތަކަށް ފެތޭ ގޮތަށެވެ.
ޕްރޮކިއުމެންޓް ޔުނިޓުގެ ސަބަބުން ސިއްހީ ދާއިރާގެ ތަކެތީގެ އަގު 30 ޕަސެންޓަށް ވަނީ ކުޑަކުރެވިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ