ކަރަންޓް އުފެއްދުމަށާއި، ފޯރުވައިދިނުމަށް ބޭނުންކުރާ ސާމާނު ވިއްކާ ފިހާރަތަކުން ވިއްކާ ތަކެއްޗަކީ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ހުއްދަދީފައިވާ ތަކެތިތޯ ބަލާ ޗެކްކުރުމުގެ ހާއްސަ މަސައްކަތްތަކެއް އެނާޖީ އޮތޯރިޓީން ފަށައިފިއެވެ.
އެއޮތޯރިޓީން ބުނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އެއޮތޯރިޓީގެ އޮފިޝަލުން ކަރަންޓް އުފެއްދުމަށާއި، ފޯރުވައިދިނުމަށް ބޭނުންކުރާ ސާމާނު ވިއްކާ ފިހާރަތަކަށް ވަންނާނެ ކަމަށާއި، އެތަންތަނުގައި ވިއްކާ، ކަރަންޓު އުފައްދައި ފޯރުވައިދިނުމަށް ބޭނުންކުރާ ތަކެތި ހާއްސަކޮށް ފިހާރަތަކުގައި ވިއްކާ، ކަރަންޓު ނަރާއި ކޭބަލް އަކީ އެނާޖީ އޮތޯރިޓީން ހުއްދަ ދީފައިވާ ތަކެތިތޯ ބަލާ ޗެކް ކުރާނެ ކަމަށެވެ.
އޭނާޖީ އޮތޯރިޓީގެ ފަރާތުން ފިހާރަތަކަށް ޒިޔާރަތްކުރާ އޮފިޝަލުންގެ އަތުގައި އެ އޮތޯރިޓީން ދޫކޮށްފައިވާ އައިޑީ ކާޑު އޮންނާނެ ކަމަށާއި އެފަދަ ބޭފުޅުންނަށް ފިހާރަތަކުން އެއްބާރުލުން ދިނުމަށް އެދޭ ކަމަށްވެސް އެނާޖީން އޮތޯރިޓީން ވަނީ ބުނެފައެވެ.
އެނާޖީ އޮތޯރިޓީން މިމަސައްކަތް ފެށީ ރާއްޖޭގައި އިމާރާތްތައް ވައިރުކުރުމަށް ބޭނުންކުރާ ކަރަންޓު ނަރާއި ކޭބަލް އަކީ އެއޮތޯރިޓީން ފާސްކޮށްފައިވާ ތަކެތި ކަމުގައިވާންޖެހޭނެ ކަމަށް އެއޮތޯރިޓީން ތަފާތު އެތައް ފަހަރަކު ނެރެފައިވާ އިއުލާނުތަކެއްގައި ބުނެފައިވީނަމަވެސް އެނާޖީ އޮތޯރިޓީން ހުއްދަ ނުކުރާ ކަރަންޓު ނަރާއި ކޭބަލް މިހާރުވެސް ބައެއް ފަރާތްތަކުން ރާއްޖޭގައި ވިއްކަމުންދާތީ ކަމަށް އެއޮތޯރިޓީން ބުނެއެވެ.
އެނާޖީ އޮތޯރިޓީން ބުނީ މި މަސައްކަތް ކުރިއަށް ގެންދަނީ އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުފެތޭ ކަރަންޓު ނަރާއި ކޭބަލް ކަރަންޓުގެ ނިޒާމުތަކުގައި ބޭނުންކުރުމަކީ އެކަމުގެ ސަބަބުން އިންސާނުންނަށާއި ތަކެއްޗަށް ނުހަނު ބޮޑެތި ނުރައްކަލާއި ގެއްލުންތައް ކުރިމަތިވެދާނެ ކަމެއްކަމަށްވާތީ އެވެ.
ފިހާރަތަކުގައި ކަރަންޓު ނަރާއި ކޭބަލް ވިއްކާއިރު އެތަކެއްޗަކީ އެ އޮތޯރިޓީން ހުއްދަދަދީފައިވާ ތަކެތިކަން އަންގައިދޭ ސެޓްފިކެޓް ކަސްޓަމަރުންނަށް ފަސޭހައިން ފެންނާނެހެން ފިހާރަތަކުގައި ބެހެއްޓުމަށްވެސް އެނާޖީ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ކަރަންޓް އުފައްދާ ސާމާނުގެ ފެންވަރު ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ