އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ގުޅޭ ސޮފްޓްވެއާއެއް ސުޕްރީމް ކޯޓަށް ގެންގޮސްފި

ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ވޯޓުލުން ކުރިއަށްދާގޮތް މޮނިޓަކުރަން ގެންގުޅު ސޮފްޓްވެއާއެއް ކޯޓުން އެދިގެން ފޮނުވައިފި އެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ސުޕްރީމް ކޯޓުން އެދިގެން ފޮނުވާފައި ވަނީ ބެލޮޓް ޕްރޮގްރެސް ރެކޯޑިން (ބީޕީއާރު) ޕްރޮގްރާމް ކަމަށެވެ. އެއީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔައިރު، އެކި މަރުކަޒުތަކަށް ވޯޓުލާފައިވާ އަދަދާއި ކިޔޫގައި ތިބޭ މީހުންގެ އަދަދު ފަދަ މުހިންމު މައުލޫމާތުތައް މޮނިޓަކުރަން އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރި ޕްރޮގްރާމެވެ. "ކޯޓުން އެދުނު ހުރިހާ މައުލޫމާތުތަކެއް އިއްޔެ ވާނީ ފޮނުވާފައި،" ފުއާދު ވިދާޅުވި އެވެ. ފުއާދު ވިދާޅުވި ގޮތުގައި އެ ސޮފްޓްވެއާ ބޭނުންކުރަން ފަށާފައި ވަނީ ތިމަރަފުއްޓާއި ކާށިދޫ ބައި އިލެކްޝަނުން ފެށިގެންނެވެ. ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާފައިވާ ނެޓްބުކްތަކުގައި ބޭނުންކުރި އެ ސޮފްޓްވެއާއިން، ވޯޓުލާ އަންހެނުންނާއި ފިރިހެނުންގެ އަދަދު ވެސް ވަކިވަކިން އެނގި އަޕްޑޭޓްވަމުންދާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. މިދިޔަ ބުދަ ދުވަހު އަޑުއެހުންތައް ނިންމާލާފައިވާ މައްސަލާގައި ވީހާވެސް އަވަހަށް ހުކުމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބުނެފަ އެވެ. އިންތިހާބު ފަސްކުރަން ކޯޓުން ނެރުނު ދެ އަމުރަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުގެ ދެ ވަނަ ބުރު ކުރިއަކަށް ނުގެންދެވުނެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ގަބޫލު ނުކޮށް، އިންތިހާބު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ކޯޓަށް ހުށަހެޅީ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ