ސުޕްރީމް ކޯޓުގެ ހުކުމް: މައްސަލަ އަށް ފިނިކަމެއް ލިބިދާނެބާ؟

މިދިޔަ މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި އޮޅުވާލުންތައް އެބަހުރި ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލަ މަހެއްވީ އިރު ވެސް ހުކުމަކާ ހަމައަށް އާދެވިފައެއް ނުވެ އެވެ. މައްސަލަ ކުރިއަށްދާ ގޮތާ މެދު ފާޑުކިޔެން ނެތް ނަމަވެސް ނުކުމެދާނެ ނަތީޖާއަކާ ދޭތެރޭ ރާއްޖޭގެ ކޮންމެ މީހަކު ވެސް މި ވަގުތު ވިސްނާނެ އެވެ. މިހާރު އުފެދިފައިވާ އެއް ބަހުސަކީ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ގޮތަށް އިންތިހާބު ބާތިލުކޮށްފި ނަމަ ވެދާނެ ގޮތަކާ މެދު ކުރެވޭ ބަހުސެވެ. އެހެންވެއްޖިއްޔާ ދެން ހެދިދާނެ ގޮތަކާއި ދިމާވެދާނެ މައްސަލަތަކަކާ ދޭތެރޭ ފުން ބަހުސެއް ކުރެވެ އެވެ. ޖުމްހޫރީ ޕާޓީން އެދިފައިވާ ގޮތަށް އިންތިހާބު ބާތިލްކޮށްފިއްޔާ ދެން ވާނީ ކިހިނެއްތޯ ސުވާލު ކުރެވެ އެވެ. އިންތިހާބު ބާތިލް ނުކޮށް، ދެވަނަ ބުރު ބާއްވަން ނިންމައިފިއްޔާ އެކަން މައްސަލަ އަކަށް ނުވެ ހިނގައިދާނެބާ އެވެ؟ މިހިރީ ހައްތާ ވެސް ސުވާލެވެ. އިންސާފުވެރިކަމާއި ސުލްހަވެރިކަމާ އެކު އިންތިހާބު ބޭއްވުމަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ މިނިވަން މުސްތަގިއްލު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޖުމްހޫރީ ޕާޓީން ކުރަނީ ސީރިއަސް ތުހުމަތުތަކެކެވެ. ކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ "މިނިވަންކަމެއް ނެތް" އަދި "ވަކި ފިކުރެއް"ގެ މެންބަރުންތަކެއްގެ ކަމަށް ދަނީ ބުނަމުންނެވެ. އިންތިހާބު ވަކި ބަޔަކަށް ކާމިޔާބުކޮށްދިނުމަށްޓަކައި ގަސްތުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ދަނީ ތުހުމަތުކުރަމުންނެވެ. ހާމަކަން ބޮޑު ގޮތެއްގައި މީޑިއާ އާއި ސިޔާސީ ޕޯޑިއަމްތަކުގައި ވަކިވަކި މެންބަރުންނަށް ބަހުގެ ހޫނު ހަމަލާތައް ދަނީ ދެމުންނެވެ. ތަފާތު އިންޒާރުތައް ދަނީ ދެމުންނެވެ. އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި އެންމެ ފުރަތަމަ ޖުމްހޫރީ ޕާޓީން މައްސަލަ ހުށަހެޅީ ހައި ކޯޓަށެވެ. ވޯޓު ލީ މީހުންގެ ރަޖިސްޓްރީ ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި އެ މައްސަލާގައި އެ ޕާޓީން ހުށަހެޅި ހެކިތަކާ މެދު ހައި ކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ މައްސަލަ ސާބިތުކުރަން ބޭނުންވާ ހެކި ދެއްކިފައި ނުވާ ކަމަށެވެ. ލިސްޓްގައި ހިމެނޭ ކަމަށް ބުނާ މަރުވެފައިވާ 500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 41 މީހަކީ ލިސްޓްގައި ނުވެސް ނެތް މީހުން ކަން ކޮމިޝަނުން ސާބިތުކޮށްދިނެވެ. އަދި މަރުވި ކަމަށް ފާހަގަކޮށްފައިވާ މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ ހަތް މީހެއްގެ ނަމުގައި ކަމަށާއި އޭގެ ތެރެއިން ހަތް މީހުން ދިރިއެބަ ތިބިކަން ހައި ކޯޓުގައި އެ ކޮމިޝަނުން ސާބިތުކޮށްދިނެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ލުން އަލުން ބާއްވަން ޖެހޭނީ ނަތީޖާ އަށް އަސަރުކުރާނެ ފަދަ ކަމެއް ހިނގިކަން ސާބިތުވާ ނަމަ ކަމަށާއި އެކަން ސާބިތުވާ ފަދަ ހެއްކެއް ޖުމްހޫރީ ކޯލިޝަނުން ހުށަހަޅާފައި ނެތް ކަމަށެވެ. ހައި ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ އިރު އެ މައްސަލަ އަށް ތަދައްހުލްވި އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވެފައި ވަނީ ހުށަހެޅި ހެކިތަކަށް ބަލާއިރު ނަތީޖާ އަށް ބަދަލުތަކެއް އަންނަ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް ޝަރީއަތުގެ އަޑު އެހުމުގައި ޖޭޕީ އާއި އަދި މައްސަލަ އަށް ވަން ޕީޕީއެމްގެ ވަކީލުން ވެސް ވިދާޅުވެފައި ވަނީ އެންމެ މީހެއްގެ ހައްގު ގެއްލިފައިވާ ނަމަވެސް އެ ހައްގު އެ މީހަކަށް ހޯދައިދޭން ޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ހުކުމަކާ ހަމައަށް ގޮސްފައިވާ އިރު ޖޭޕީން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. މި ގޮތުން 18 އަހަރު ނުފުރޭ ކުއްޖަކު ވޯޓު ދިން ކަން ސާބިތުކުރުމަށް ހެކިން ހުށަހަޅާފައިވާ އިރު އިތުރު އެތައް ބަޔަކު ވަނީ ކޯޓުގައި ހެކި ބަސް ދީފަ އެވެ. ޖޭޕީން ބުނެފައި ވަނީ މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ހުށަހެޅިފައިވާ ކަމަށެވެ. އެ ހެކިތައް ދިރާސާކޮށް ހުކުމް އިއްވުމުގައި ގިނަ ދުވަސްތަކެއް ނަގާތީ ސުޕްރީމް ކޯޓަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އަނެއްކޮޅުން ހުކުމް އައިސްދާނެ ގޮތަކާ މެދު ރައްޔިތުންގެ މެދުގަ އާއި ސިޔާސީ ޕޯޑިއަމްތަކުގައި ގިނަ ހިޔާލުތަކެއް ދަނީ ފާޅުކުރަމުންނެވެ. އިންތިހާބުގެ ނަތީޖާ ބާތިލުކޮށްފި ނަމަ ނުކުމެދާނެ ނަތީޖާ އެމްޑީޕީން ސިފަކުރަނީ އަނދަވަޅަކަށް ވެއްޓުން ފަދަ ކަމެއްގެ ގޮތުގަ އެވެ. މިދިޔަ ހަފުތާގައި ބޭއްވި ކަންމަތި ބައްދަލުވުމެއްގައި ކުރީގެ ރައީސް އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 45 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މިހާރު ވެއްޓިފައިވާ އަނދަވަޅަށް ވުރެ ބޮޑު އަނދަވަޅަކަށް ވެއްޓެން ބޭނުން ނަމަ އިންތިހާބު އަވަހަށް ބާތިލްކުރަންވީ ކަމަށާއި މި ރޭ ވެސް އެކަމަށް ހުކުމްކުރައްވަންވީ ކަމަށެވެ. އެކަމަކު އޭރުން "އޮޑި ފެތޭނީ ހުރިހާ ވަކަރަކާ އެކީގައި" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަނެއްކޮޅުން އިންތިހާބުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދައިގެން ނޫނީ ދެ ވަނަ ބުރު ނުބޭއްވޭނެ ކަމަށް ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ވެސް ދަނީ އިންޒާރު ދެމުންނެވެ. ސިޔާސީ ފަރާތްތަކުގެ ހަރުކަށި މިފަދަ ވާހަކަތަކުން ދެނީ ނުބައި މެސެޖެކެވެ. މި މެސެޖްތަކުން ދޭހަވަނީ ސުޕްރީމް ކޯޓުގެ ހުކުމް ކޮންމެ ގޮތަކަށް އައި ނަމަވެސް ކޮންމެ ވެސް ބަޔަކު ހިތްހަމަނުޖެހުމުގެ އަޑު އުފުލާނެ ކަމެވެ. ހަލަބޮލި ވާނެ ކަމެވެ. ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އަށް ހުކުމެއް އިއްވަންދެން ދެ ވަނަ ބުރު ފަސްކުރަން އެ ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެން ވެސް މާލެތެރެ ވަނީ ހަލަބޮލިވެފަ އެވެ. ކޮންމެ ދުވަހަކު ކުރާ މުޒާހަރާތަކުގައި އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. "ރައްޔިތުންގެ ނިންމުން ކޮންމެ ބަޔަކު ވެސް ގަބޫލުކުރަންޖެހޭނެ. ރައްޔިތުންގެ ނިންމުން ކޯޓަކުން ނުނެރެވޭނެ،" ވަކީލަކު ވިދާޅުވި އެވެ. ގާނޫނު އަސާސީގައި ބުނާ ގޮތުން އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މަތި ނުލިބިއްޖެ ނަމަ 21 ދުވަހުގެ ތެރޭގައި ދެ ވަނަ ބުރެއް ބާއްވަންޖެހެ އެވެ. ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ އެކު އެ ދުވަސް މިހާރު ވަނީ ފަހަނަ އަޅައިފަ އެވެ. ހަމަ އެ ގާނޫނު އަސާސީގައި ބުނަނީ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން ރައީސަކު އިންތިހާބު ކުރަން ވާނެ ކަމަށެވެ. މިހާރު ކަންތައްތައް ދާ ގޮތުން އެ ދުވަސް ވެސް ފަހަނައަޅައިގެން ދިއުން ކައިރި އެވެ. ދެން އޮތީ ނޮވެމްބަރު 11ގައި އިންތިހާބުވެފައިވާ ރައީސަކު ހުވާކުރަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ މާއްދާ އެވެ. ޖުމްހޫރީ ޕާޓީން އެދިފައިވާ ގޮތަށް އިންތިހާބު ފަސްކޮށްފި ނަމަ އަދި ސުޕްރީމް ކޯޓުން ވަކި ތާރީހުތަކެއް ނުވަތަ މުއްދަތުތަކެއް ނުދީފި ނަމަ އެ ތާރީހު ޖެހޭ އިރު ޔަގީނުން ވެސް ރައީސަކު އިންތިހާބު ނުކުރެވޭނެ ކަމެވެ. އިލެކްޝަންސް ކޮމިޝަނުން އެކަން ކަށަވަރުކޮށްދެ އެވެ. އެހެން ވެއްޖެ ނަމަ ސުވާލަކީ އެ ދުވަހުން ފެށިގެން ރައީސަކަށް ހުންނަވާނީ ކޮން ބޭފުޅެއްތޯ އެވެ؟ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެފައި ވަނީ އެ ކަމަށް މަޖިލީހުން ހައްލެއް ހޯދޭނީ މަޖިލީހަށް ކަމަށެވެ. ނަމަވެސް އެއީ ވެސް ދަތި އުނދަގޫ މަރުހަލާއެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ އިންތިހާބުގެ ވޯޓާސް ރަޖިސްޓްރީގައި މައްސަލަތަކެއް އެބަހުރި ކަމެވެ. މަރުވެފައިވާކަން ޔަގީންވާ މީހުން ލިސްޓުން އުނިކުރަންޖެހެ އެވެ. ވޯޓުލުމުގެ އުމުރު ހަމަނުވާ ބަޔަކު ތިބި ނަމަ އެ ނަންތައް އުނިކުރަންޖެހެ އެވެ. އެކެއްގެ ނަންނަ ދެ ފަހަރު ރިޕީޓްވެފައިވާ ނަމަ އެ ކަން ވެސް ހައްލުކުރަންޖެހެ އެވެ. އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަގުފަހިކުރަން އެ މައްސަލަތަކަށް އެދެވޭ ފަރުވާއެއް ލިބެންޖެހެ އެވެ. ކައިރި މުސްތަގުބަލެއްގައި އެކަމަށް ހައްލެއް ލިބޭނެތޯ ނުވަތަ ނޫންތޯ ބުނަން ދައްޗެވެ. އެއީ ނަތީޖާ އަށް އަސަރުކުރާނެ ކަމެއްތޯ ނުވަތަ ނޫންތޯ އަދި އިންތިހާބު ބާތިލުކުރާނީތޯ ނުވަތަ މައްސަލަތައް ހައްލުވަންދެން ފަސްކުރާނީތޯ ކަނޑައަޅާނީ ކޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ