މަސްތުވާތަކެތި ފެނުނު މައްސަލައިގައި ޕާމްޑެކް ބަންދުކުރަން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި

މިދިޔަ މަހުގެ ކުރީކޮޅު ޕާމްޑެކް ގާޑަން ރެސްޓޯރެންޓް ތެރެއިން މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރު ފެނުނު މައްސަލައިގައި 30 ދުވަހުގެ މުއްދަތަށް އެތަން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތާއީދުކޮށް ހައި ކޯޓުން ވެސް އިއްޔެ ހުކުމްކޮށްފި އެވެ. އެގޮތަށް ހުކުމްކުރީ އެތަނުން މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރު ފެނުނު މައްސަލައިގައި އެތަނާ މެދު އިކޮނޮމިކް މިނިސްޓްރީން ފިޔަވަޅު އެޅުމުގެ ކުރިން އެތަން ދޫކޮށްލައިފި ނަމަ އެތަނުގެ ސަބަބުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އެތަން 30 ދުވަހުގެ މުއްދަތަށް ބަންދުކުރަން ނެރުނު އަމުރު، ޕާކްޑެކް ގާޑެން ރެސްޓޯރަންޓް ހިންގާ ކުންފުނިން އިސްތިއުނާފް ކުރުމުންނެވެ. އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ކުރި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު ޔޫސުފް ހުސައިނެވެ. އާލިޔާ ސުކޫލް ކުރިމަތީގައި ހުންނަ ޕާމްޑެކް ރެއިޑްކޮށް މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ އެތަނުން 11 މީހަކު ހައްޔަރުކޮށް އަދި މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރު ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ