ކޯލިޝަން ތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް ހަމަޖެހޭނެ: މައުމޫން

ސަރުކާރު ކޯލިޝަންގެ ތެރޭގައި މިހާރު އުޅޭ ހިޔާލު ތަފާތުވުންތަކަކީ ވަރަށް އާދައިގެ ކަންތައްތަކެއް ކަމަށާއި އެ ހުރިހާ ކަމެއް ވެސް ހަމަޖެހޭނެ ކަމަށް ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. އަމިއްލަފުޅު ބޭނުމަށް މެލޭޝިޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެދުގައި އެއްބައިވަންތަކަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ. އަދި ޕާޓީތަކުގެ ލީޑަރުން ވެސް ތިއްބެވީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. "ބައެއް ފަހަރަށް، ބައެއް ކަހަލަ ކަންތައްތަކުގައި ހިޔާލު ތަފާތު ވުމަކީ އެކަށީގެންވާ ކަމެއް. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެކަން ވާ ގޮތް،" މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިން މެލޭޝިޔާ އަށް ވަޑައިގެންނެވި މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް ޕާޓީތަކަށް ދިނުމުގެ ކަންތައްތައް ވެސް ދަނީ ކުރިއަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކަން ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން މައުމޫން ދެއްވި އެވެ. ކޯލިޝަންގެ ތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް ހައްލުކުރެވޭނެ ކަމަށް މައުމޫން ވިދާޅުވި އިރު އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގައި ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ ދެމެދު ނުތަނަވަސްކަމެއް އުޅޭ ކަން ވަނީ ހާމަވެފަ އެވެ. އެހެން ނަމަވެސް ދެ ޕާޓީން ވެސް ބުނެފައި ވަނީ ކޯލިޝަންގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ރައީސް ޔާމީންގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ހުރިހާ މިނިސްޓަރުންނަށް މަޖިލީހުގެ މިއަދު ޖަލްސާގައި ރުހުމް ދީފައިވާތީ މަޖިލީހުގެ މެމްބަރުންނަށް މައުމޫން ޝުކުރު އަދާކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ މިނިސްޓަރުންނަށް ތާއީދުކޮށް ބައެއް އެމްޑީޕީގެ މެމްބަރުން ވޯޓު ދެއްވާފަައިވާތީ އެކަމުން ހާމަ ވަނީ އެއީ ގައުމަށް ހިދުމަތްކުރުމުގެ ރޫހު ހުރި މެމްބަރުން ކަމަށެވެ. "އެކަމަށްޓަކައި އެ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން،" މައުމޫން ވިދާޅުވި އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ތްރީލައިން ވިޕް ނެރުނީ ވަޒީރުންގެ ނަންތައް ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރުހުން ދޭން ނުފެންނަ ކަމަށް ނިންމި އަށް ބޭފުޅުންނަށް ރުހުން ނުދިނުމަށެވެ. އެހެން ނަމަވެސް، ކާށިދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމާއި ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމާއި ވޯޓަށް ފަހު ޕީޕީއެމާ މިއަދު ގުޅިވަޑައިގަތް ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އަދި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ