އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދު ކޮށްލައިފި
ގާޒާ (ޖެނުއަރީ 16) - އިޒްރޭލު ސިފައިން ބަޑި ޖަހައި ފަލަސްތީނުގެ ގާޒާގެ ދެ ޒުވާނަކު ޝަހީދު ކޮށްލައިފި އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ގާޒާގެ ބޯޑަރެއް ކައިރީގައި އިއްޔެ ހިނގި މުޒާހަރާއަކާ ގުޅިގެން ޝަހީދުކޮށްލީ އުމުރުން 18 އަހަރުގެ މުހައްމަދު އަބޫ ޒައިދު އާއި 26 އަހަރުގެ މުހައްމަދު ގިތާ ކަމަށެވެ. އެ މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގުދްރާ ވިދާޅުވީ މުހައްމަދު އަބޫ ޒައިދާ ޝަހީދުވީ ކަރަށް އެރި ވަޒަނަކާ ގުޅިގެން ކަމަށާއި މުހައްމަދު ގިތާ ޝަހީދުވީ ބަނޑަށް އަމާޒުވި ވަޒަނެއްގެ ސަބަބުން ކަމަށެވެ. ގާޒާގެ މެދު ތެރޭގައި ހުންނަ ރެފިއުޖީ ކޭމްޕެއް ކައިރީގައި ހިނގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 15 މީހެއްގެ ގަޔަށް ވަޒަން އަރައިގެން ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އިޒްރޭލުން ބުނީ މުޒާހަރާ ކުރަމުން ދިޔަ މީހުންނަށް ބަޑިން ހަމަލާ ދިނީ ބޯޑަރު ކައިރީގައި ހުރި ފެންސެއް ހަލާކުކޮށްލަން މަސައްކަތް ކުރުމުން ކަމަށެވެ. ގާޒާގައި އިއްޔެ ބޭއްވި މުޒާހަރާއަކީ އިޒްރޭލުގެ އަނިޔާތަކާ ދެކޮޅަށް ފަލަސްތީނުގައި ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެކެވެ. އޮކްޓޯބަރު 1 އިން ފެށިގެން އިޒްރޭލް ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 153 މީހަކު ޝަހީދުވެ، އިޒްރޭލުގެ 23 މީހަކު މަރުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ