ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އަބްދުﷲ ދީދީ އައްޔަންކޮށްފި

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މިއަދު ހަމަޖައްސައިފި އެވެ. އަބްދުﷲ ދީދީ އެ މަގާމަށް އައްޔަންކުރަން ނިންމީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ނެގި ސިއްރު ވޯޓަކުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެކަމަކު އަބްދުﷲ ދީދީގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލީ ކޮން ބޭފުޅުންނެއް ކަމަށް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. މިދިޔަ ޖޫން މަހު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި އަބްދުﷲ ދީދީ އަކީ ކުރިން ކްރިމިނަލް ކޯޓުގެ ގާޒީއެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި ތިން ފަނޑިޔާރުންގެ ތެރެއިން އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް އޭނާ އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި އަހުމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމުން އޭނާ ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުންނެވެ. އޭނާ 2013 ގައި ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުން އޭގެފަހުން މިއަދާ ހަމައަށް ވެސް އެ ކޯޓު ހިންގަމުން އައީ އެ ކޯޓުގެ އެކި ފަނޑިޔާރުންނާއި ހަވާލުކޮށްގެނެވެ. އެންމެ ފަހުން އެ ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވީ ފަނޑިޔާރު އަލީ ސަމީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ