ބިލްބޮންގް ސްކޫލް ތެރޭގައި މާރާމާރީ ހިންގި އެކަކު 10 އަހަރަށް ޖަލަށް، ދެން ތިބި މީހުން ސަލާމަތްވެއްޖެ

ބިލަބޮންގް ސްކޫލް ތެރެއަށް ވަދެ، ތޫނު ހަތިޔާރާއި ލަޓިބުރި ބޭނުންކޮށްގެން މީހަކަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރި ހަތަރު މީހުންގެ ތެރެއިން އެކަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެކަމަކު ނޮވެމްބަރު، 2014 ގައި ހިންގި އެ މާރާމާރީއާ ގުޅިގެން ދައުވާލިބުނު އަނެއް ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުން ވަނީ ސަލާމަތްވެފަ އެވެ. ބިލަބޮންގް ސްކޫލްގެ ކިޔެވުން ނިމިގެން ދަރިވަރުން ނިކުންނަނިކޮށް އެތަނުގެ ތެރެއަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި ދައުވާކުރީ ހ. ރޯޒަން ޑޭލް ޝައިބާން ޒުފްރަތު އިސްމާއިލާއި ގއ. ގައްދޫ ދަނބުފަށުވިގެ އުލްޔާން އަހުމަދާއި ހ. ސައިބާން އަލީ ރިފާން އަދި ގއ. ދާންދޫ ފަހުދުވާދީ، ފައްސާން ވަލީދުގެ މައްޗަށެވެ. ކުށް ސާބިތުވީ ރިފާންގެ މައްޗަށެވެ. ކޯޓުގެ ހުކުމުގައިވަނީ އަނިޔާ ލިބުނު މީހާއާ މެދު، ދައުވާލިބޭ ރިފާން މާރާމާރީ ހިންގިކަމާއި ހާދިސާ ހިނގި ތަނުން އޭނާ ހިފަހައްޓާފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި އެވަގުތު އޭނާ ލައިގެންހުރި ޓީޝާޓުން ފެނުނު ޑީއެންއޭ އާއި އަނިޔާ ލިބުނު މީހާގެ ޑީއެންއޭ ދިމާވާ ކަމަށް އެ ހުކުމުގައިވެ އެވެ. ރިފާން 10 އަހަރަށް ޖަލަށްލާން ހުކުމްކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ކުރީގެ ގާނޫނުގެ ދަށުންނެވެ. އެއީ އޭނާ ކުށްކުރިއިރު އަމަލުކުރަމުން ދިޔައީ އެ ގާނޫނަށް ކަމަށްވާތީ އެވެ. ހުކުމުގައިވާ ގޮތުން ދެން ތިބި ތިން މީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ