ރާއްޖޭގައި ސިޔާސީ ކުށްވެރިންނެއް ނެތް: އުމަރު

ރާއްޖޭގައި ސިޔާސީ ކުށްވެރިން ތިބި ކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ. ސަރުކާރާ އިދިކޮޅު އެމްޑީޕީން ރޭ ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި އުމަރު ވިދާޅުވީ ސިޔާސީ ކުށްވެރިން ނެތް ނަމަވެސް، ސިޔާސީ ހަރަކާތްތަކުގައި އުޅޭ ނުވަތަ ސިޔާސީ މަސައްކަތް ކުރާ މީހުން އެކި ކުށްތަކުގައި ހައްޔަރުކޮށްފައި އެބަތިބި ކަމަށެވެ. "ދުނިޔޭގައި ސިޔާސީ ކުށްވެރިންގެ ގޮތުގައި ގަބޫލު ކުރާ މިންގަނޑެއް އެބަ އޮވޭ. އެހެންވީމަ، ރާއްޖޭގައި ހައްޔަރުކޮށްފައި ތިބީ ސިޔާސީ ކުށްވެރިން ކަމަކަށް ނުބަލަން،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިކަމުގައި އެހެން ފަރާތްތަކުގެ ހިޔާލު ތަފާތުވުން އެކަށީގެންވާ ކަމަށާއި އެކަމަކު މިއީ އެކަމުގައި ސަރުކާރުން ދެކޭ ގޮތް ކަމަށެވެ. ކުށުގެ ތުހުމަތުގައި ތިބި އަދި ހުކުމް ތަންފީޒުކުރާ ސިޔާސީ ބޭފުޅުންނަށް ދެވެން އޮތް ލުޔެއް ދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށް ފަހު އުމަރު ވަނީ ވިދާޅުވެފަ އެވެ. އުމަރު ރޭ ވިދާޅުވީ ވަކި ސިޔާސީ ބޭފުޅަކު ދޫކޮށްލުމުގެ ޔަގީންކަން ސަރުކާރުން ނުދޭ ކަމަށާއި އެކަމަކު ދޫދޭން ޖެހޭ ހުރިހާ ތަނެއްގައި ދޫ ދޭނެ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން ހަފުތާ ތެރޭގައި އެ ފަދަ ދޫތައް ދީފައިވާނެ ކަމަށާއި އެކަމަކު މިއީ އެންމެ ބައްދަލުވުމަކަށް ފަހު ކުއްލިއަކަށް ނިންމޭނެ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވި އެވެ. ރޭގެ މަޝްވަރާތަކަށް ފަހު އުމަރާއި އިބޫ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖޭގެ ސިޔާސީ މާހައުލު ފިނިވެފައި އޮތުން. އަދި އެމްޑީޕީ އާއި ސަރުކާރާ ދެމެދު އަބަދުވެސް މަޝްވަރާތައް ކުރިއަށް ގެންދިޔުން. އޭގެ ފައިދާ ދެ ފަރާތަށް ވެސް ކުރާނެ. އަދި އެ ފަދަ މާހައުލެއް ގާއިމު ވެފައި އޮތިއްޔާ ދޫދޭން ވެސް ފަސޭހަވާނެ،" އުމަރު ވިދާޅުވި އެވެ. ސަރުކާރަށް އެމްޑީޕީން ހުށަހެޅި ތިން ކަމެއްގައި ކުރިއެރުން ލިބިފައިވާ ކަމަށް، މަޝްވަރާތަކުގައި އެމްޑީޕީ ތަމްސީލް ކުރައްވާ އިސް މަންދޫބު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވަނީ ވިދާޅުވެފަ އެވެ. އިބޫ ވިދާޅުވީ އެމްޑީޕީން ހުށަހެޅި ޕޮލިޓިކަލް ރިކޮންސިލިއޭޝަންގެ ފުރަތަމަ ތިން ނުކުތާއަށް ވަރަށް ބޮޑަށް ކުރިއެރުން ލިބިފައިވާ ކަމަށާއި އެކަންތައްތައް ފުރިހަމަވާ ތަން ކުރިއަށްއޮތް ތަނުގައި ފެންނާނެ ކަމަށެވެ. އެ ތިން ނުކުތާގެ ތެރޭގައި ހިމެނެނީ ޝަރީއަތް ނިމި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ކޯޓުތަކުގައި މައްސަލަތައް ހުރި އަދި ތަހުގީގު ކުރަމުންދާ މީހުންނާއި ވިޔަފާރިވެރިންގެ ތެރެއިން ބައެއް މީހުންނަށް ދިމާވެފައިވާ ކަންތައްތަކުގެ ވާހަކަ ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި އެވެ. ކުށުގެ ތުހުމަތުގައި ތިބި އަދި ހުކުމް ތަންފީޒުކުރާ ސިޔާސީ ބޭފުޅުންނަށް ލުޔެއް ދިނުމުގައި އަމަލުކުރެވިދާނެ ގޮތްތަކެއް ރޭގެ މަޝްވަރާތަކަށް ސަރުކާރުން ހުށަހަޅާނެ ކަމަށް، މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ބައްދަލުވުމުގައި އިބޫ ވިދާޅުވެފައިވީ ނަމަވެސް، އެފަދަ ކަމެއް ރޭ ހުށަހެއް ނާޅަ އެވެ. އުމަރު ވިދާޅުވިގޮތުގައި އެފަދަ ގޮތްތަކެއް އެމްޑީޕީ އަށް ހުށަނޭޅީ އެހެން ޕާޓީތަކުން ވެސް ހަމަ އެކަން ހުށަހަޅާފައިވާތީ، އެކަމާ ގުޅޭގޮތުން މިހާރު ވެސް މަޝްވަރާ ކުރާތީ އެވެ. އެމްޑީޕީ އާއި ސަރުކާރުގެ މަޝްވަރާ ބައްދަލުވުމެއް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ