(ހޮނިހިރު) އަފްޣާނުގެ ސުޕްރީމް ކޯޓަށް އަންހެން ބޭފުޅަކު އައްޔަންކުރަން ކުރި މަސައްކަތް ފެއިލްވެއްޖެ
ކާބުލް (ޖުލައި 18) - އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަންކުރަން އެ ގައުމުގެ ރައީސް އަޝްރަފް ޣަނީ ކުރެއްވި މަސައްކަތް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފެއިލްކޮށްލައިފި އެވެ. އަފްޣާނިސްތާނުގެ އަންހެން ފަނޑިޔާރުންނާ ބެހޭ ޖަމްއިއްޔާގެ ރައީސް އަދި އެ ގައުމުގެ ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަނީސާ ރަސޫލީއަކީ އެ ގައުމުގެ ސުޕްރީމް ކޯޓަށް އައްޔަންކުރަން ނަންފޮނުވި ފުރަތަމަ އަންހެން ބޭފުޅާ އެވެ. އަނީސާ އެ މަގާމަށް އައްޔަންކުރަން ރައީސް އަޝްރަފް ޣަނީ އޭނާގެ ނަން ގާނޫނު ހަދާ މަޖިލީހަށް ފޮނުވި ނަމަވެސް އެ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދީފަ އެވެ. އެހެންވެ 10 އަހަރުގެ ދުވަހުގެ މުއްދަތަށް އައްޔަން ކުރެވޭ އެ މަގާމަށް އަނީސާ ގެންނަން ރައީސް ޣަނީ ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. "ސުޕްރީމް ކޯޓުގެ ފަނޑިޔާރަށް ވުމަށް ބޭނުންވާ މިންވަރަށް އަނީސާ ރަސޫލީ އަށް ވޯޓު ލިބިފައިނުވާތީ އޭނާގެ ބަދަލުގައި އެހެން ބޭފުޅެއްގެ ނަން ފޮނުވުމަށް ރައީސްގެ އަރިހުން ދަންނަވަން،" މަޖިލީހުގައި ނެގި ސިއްރު ވޯޓަށް ފަހު ރިޔާސަތުން އިއުލާން ކުރިއެވެ. އަނީސާ އެ މަގާމަށް ގެންނަން ރައީސް ޣަނީ މަސައްކަތް ކުރެއްވިއިރު ޣަނީ ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން ދަނީ އެ ގައުމުގެ އިސް މަގާމުތަކަށް އަންހެން ބޭފުޅުން އައްޔަން ކުރައްވަމުންނެވެ. އެގޮތުން ޣަނީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ވެސް ހަތަރު އަންހެން ބޭފުޅަކު އައްޔަންކޮށްފައިވާއިރު އެކަމަށް މަޖިލީހުން ވަނީ ކުރިން ރުހުން ދީފަ އެވެ. މީގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުންނަށް ވެސް އަންހެނުން ހަމަޖައްސަން ރައީސް ޣަނީ އަންގަވާފައިވާއިރު ބައެއް ދީނީ ޖަމާއަތްތަކުން ދަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ތާލިބާނުންގެ އަތް ދަށުގައި އަފްޣާނިސްތާން އޮތްއިރު އެ ގައުމުގައި އަންހެނުން ތިބެނީ ގިނަ ހައްގުތަކުން މަހްރޫމްކޮށްފަ އެވެ. އެގޮތުން ތައުލީމު ހާސިލް ކުރުމާއި ވަޒީފާ އަދާ ކުރުމާއި ގެއިން ބޭރަށް ނުކުތުން ވެސް ތާލިބާނުން އޮންނަނީ އަންހެނުންނަށް މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ