ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ހުންނެވީ ގޭގައި ބަންދުކޮށްފައި ކަމަށް ވިދާޅުވެ އެމަނިކުފާނު މިނިވަން ކުރުމަށް މޯލްޑުވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ތަރުޖަމާނު އަހުމަދު މަހުލޫފު ގޮވާލައްވައިފިއެވެ.
މަހުލޫފު އެހެން ގޮވާލައްވާފައިވަނީ އިންޓެލް ރިޕޯޓަކާ ގުޅިގެން ކަމަށް ބުނެ އެމަނިކުފާނުގެ ގެކޮޅާއި އެމަނިކުފާނުގެ ސަލާމަތީ ބައެއް ކަންކަން ކުއްލިއަކަށް ސިފައިން ވަރުގަދަކޮށްފައިވަނިކޮށެވެ. Raees @maumoonagayoom under house-arrest #FreeRaeesMaumoon @Raajje_tv @Mihaarunews @vaavu @vfp_mv @avasmv @Sangu_tv @sunbrk https://t.co/ZcP9lIv48X— Ahmed Mahloof (@AhmedMahloof) January 9, 2018
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މަހުލޫފު ވިދާޅުވީ ސަލާމަތީ ކަންކަން ވަރުގަދަ ކުރީ ކަމަށް ބުނެ ރައީސް މައުމޫނަށް އިތުރަށް ފާރަވެރިވާން ފަށައި ކޯޓު އަމުރެއް ނެތި އެމަނިކުފާނު ގޭގައި ބަންދު ކުރީ އެހެން ސިޔާސީ ލީޑަރުންނާ އެއްގޮތަށް ގެންގޮސް ޖަލުގައި އެމަނިކުފާނު ބަންދު ކުރަން ސަރުކާރަށް ނުކެރޭތީ ކަމަށެވެ.
"މިއީ ހުކުމެއް ނެތި ގޭ ބަންދު ކުރުން. ބޭނުމަކީ ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ބާރު ސްޕީޑުގައި ގެންދާ މަސައްކަތްތަކަށް ހުރަސް އެޅުން. ރައީސް މައުމޫން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ހުއްޓުވާލުން،" މަހުލޫފު ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނަށް ހަމަލާ ދޭން އުޅޭ ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން އެމަނިކުފާނުގެ ސަލާމަތީ ކަންކަން ސިފައިން ކުއްލިއަކަށް ވަރުގަދަކޮށްފައިވާ އިރު ސިފައިން ދަނީ އެމަނިކުފާނު ދިރިއުޅުއްވާ އެންދެރިމާގެއަށް ވަދެ ނުކުމެވާ ފަރާތްތައް ވެސް މޮނީޓަ ކުރަމުންނެވެ.
"އެ ގެކޮޅަށް ދަނީ ކޮން ބައެއްތޯ ބަލާ ގެކޮޅު ކައިރީގައި ފާރައަށް ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުން. ސެކިއުރިޓީއަށް އެ ބަދަލުތައް ގެނައީ އިންޓެލް ރިޕޯޓަކާ ގުޅިގެން ކަމަށް ބުނަނީ،" ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރާ މީހަކު ވިދާޅުވިއެވެ.
ވީއެފްޕީން ސުވާލު ދެންނެވުމުން އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެމްއެންޑީއެފުން ފޯރުކޮށްދޭ ސެކިއުރިޓީގެ ކަންތައްތައް ކުރިއަށް ގެންދާނީ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އިތުރު ކޮމެންޓެއް ނެތް ކަމަށެވެ.
"ރައީސް މައުމޫން ވަނީ ގޭ ބަންދުކޮށްފައި، އެމަނިކުފާނު މިނިވަން ކުރައްވާ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ