ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމް ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.
ރިޔާޒުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް ދައުވާގެ ހޯމަ ދުވަހުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ 11:00 އަށެވެ. މި ދައުވާއާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.
ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޭނާ ވިދާޅުވެފައި ވަނީ ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ގުޅިގެން ކުރަމުންދާ ސިޔާސީ މަސައްކަތުން އެކަހެރި ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މިމަހުގެ ދެ ވަނަ ދުވަހު ބޭއްވި އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ދައުވާ އިއްވަމުން ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ރިޔާޒް އިތުރު ބަޔަކާ ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި މަސައްކަތް ކުރަމުން އައިސްފައިވާ ކަމަށެވެ. ގާނޫނު އަސާސީން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ރިޔާޒު އާއި އިތުރު ބަޔަކާ ގުޅިގެން ނެރުވާފައިވާ ކަމަށް ވެސް ދައުލަތުން އިއްވި ދައުވާގައި ބުނެފައިވެ އެވެ.
ރިޔާޒްގެ މައްޗަށް ވެސް މި ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ރިޔާޒު ގެންދަވަނީ މިހާރު ވެސް، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ހައި ކޯޓުން ނިންމާފައިވާ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ރިޔާޒުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަބްދުﷲ ރިޔާޒުގެ ޓެރަރިޒަމްގެ މައްސަލައިގެ އަޑުއެހުމެއް މިއަދު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ