އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ވަކި ގޮތަކަށް ސްޕްރީމް ކޯޓުން އަމުރު ނެރުމަށް ރިޝްވަތު ދިނީ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން އެހެން ބުނެފައިވަނީ ރާއްޖެއިން އީޔޫއަށާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޝިއާން ވިދާޅުވެފައިވާ ގޮތުގައި އިދިކޮޅު ސިޔާސީ ފަރާތްތައް މިނިވަން ކުރުން ވެސް ހިމެނޭ ގޮތަށް ސްޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އަމުރަކީ ގައުމު ހުއްޓުވާލަން ސްޕްރީމް ކޯޓުން ކުރި ކަމެކެވެ. ޝިއާން ވިދާޅުވެފައިވާ ގޮތުގައި ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ ރައީސް މައުމޫނަށް މަންފާވާ ގޮތަށް ހުކުމް ކުރުމަށް އެމަނިކުފާނު ދިން ރިޝްވަތު ނެގި މައްސަލާގައެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ކުއްލި ހާލަތު އިއުލާންކޮށް ބައެއް ގާނޫނުތަކުގެ ބައެއް މާއްދާތައް ސަސްޕެންޑު ކުރުމަށްފަހު ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކޮށްފައިވާ އިރު އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ވެސް ކުރަނީ ރިޝްވަތު ހިފުމާއި ސަރުކާރު ބަދަލު ކުރުމަށް ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމާއި ޖިނާއީ އަދުލުގެ ނިޒާމު ހިންގަން ހުރަސް އެޅުމުގެ ތުހުމަތެވެ.
ރައީސް މައުމޫނަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި މަޖިލީހުގެ މެންބަރުންނަށާއި ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތާއި ސަލާމަތީ ބާރުތަކުގެ މެދުގައި ބައިބައިވުން އުފައްދާ ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރުދީ އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.
ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތު ރައީސް މައުމޫނަށް ކުރި ނަމަވެސް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ރިޝްވަތު ދެއްވި ކަމަށް ސަރުކާރުން ބުނި މިއީ ފުރަތަމަ ފަހަރެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ތިން ބޭފުޅުންނާ ދެކޮޅަށް ވެސް ހެކިވަނީ ލިބިފައެވެ. ނަމަވެސް މިހާރު ފުލުހުން ދަނީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރަށް ހެކި ފޮރުވި ކަުގެ ތުހުމަތު ކުރަމުންނެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ރިޝްވަތު ދިނީ މައުމޫން: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ